ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ މައިންބަފައިންނަށް ނުބައިކޮށް ކަންކަން ކުރަމުން އައި އަންހެނެއްގެ ހިތް ބަދަލުވި ސަބަބާ އެކަމުން އޭނާއަށް ކުރި ބޮޑު ފައިދާގެ ވާހަކަ އޭނާގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާގެ މައިންބަފައިންނަށް ނުބައިކޮށް ކަންކަން ކުރަމުން އައި އަންހެނެއްގެ ހިތް ބަދަލުވި ސަބަބާ އެކަމުން އޭނާއަށް ކުރި ބޮޑު ފައިދާގެ ވާހަކަ އޭނާގެ ދުލުން-

އަހުރެންނަކީ އަހުރެންގެ ކައިވެންޏަށްފަހު ފިރިމީހާގެ މައިންބަފައިންނަށް ވަރަށް ގޯސްކޮށް ކަންކަން ކުރެވުނު އަންހެނަކީމެވެ. އެކަމަކުވެސް ފިރިމީހާ އަހުރެންނަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންވެ ކަންކަން މިކުރެވެނީ ގޯސްކޮށް ކަމެއް ނުވެސް ވިސްނެއެވެ. 

އެހެން ހުއްޓައި ކޮއްކޮ ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނެސްފިއެވެ. މައިންބަފައިންނަށް ޒިޔާރަތްކޮށްލަން ދެވުނު ދުވަހަކު ފެނޫ މަންޒަރުން ވަރަށް ބޮޑަށް ހިތުގައި ހިތުގައި ޖެހުނެވެ. ފަހަރި މަންމައަށް އިންތިހާއަށް ހުތުރުބަސްތައް ބުނެ އެއްޗެތިގޮވަނީއެވެ. މަންމަ އިނީ ރޯށެވެ. 

އަހުރެން ފަހަރިއަށް ވަރަށް އެއްޗެތިގޮވީމެވެ. މަންމަގެ ހިތުގައި ޖެހޭނެ އެއްވެސް އެއްޗެއް ނުބުނުމަށާއި އެއްވެސް ކަމެއް ނުކުރުމަށް ބުނީމެވެ. ބޭނުންނަމަ ވަކިން ކައްކާކައިގެން އުޅުމަށްވެސް ބުނީމެވެ. ނޫންނަމަ ގެއިން ދެމަފިރިން ނުކުމެގެން ދިއުމަށްވެސް ބުނީމެވެ. ފަހަރި އެގޮތަށް ކަންކަންކުރާއިރު އެކަން ނުހުއްޓުވާތީ ކޮއްކޮއަށްވެސް އެއްޗެތިގޮވީމެވެ. 

އެނބުރި ގެއަށް އައިސް ވިސްނައިލީމެވެ. މިއަދު އަހުރެންނަށް މިކުރި އަސަރު ކޮންމެ ދުވަހަކުވެސް އަހުރެންގެ ފިރިމީހާއަށްވެސް ކުރާނެތާއެވެ. އަނގައިން ނުބުނެ އެހުންނަނީ އަހުރެންދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ. އެފަދަ ފިރިއަކު ނުލިބޭނެއެވެ. 

އެދުވަހުން ފެށިގެން ޢަމަލުތައް ބަދަލުކުރީމެވެ. ފިރިމީހާގެ މަންމައަށާއި ބައްޕައަށް ވަރަށް ބޮޑަށް ހެޔޮކޮށް ހިތީމެވެ. ކުރިން ކުރެވުނު ކަންކަމަށް މާފަށްވެސް އެދުނީމެވެ. ފިރިމީހާގެ ދެފައިމައްޗަށް ގުދުވެ މާފަށް އެދުނީމެވެ. 

އެހިސާބުން ފިރިމީހާގެ ލޯބިލިބުން ކުރިއަށްވުރެ މާބޮޑުވިއެވެ. މައިދައިތައާއި ބަފައިބެގެ ލޯބި ލިބެންފެށުމުން ހިތަށް ލިބެން ފެށި އުފާވެރިކަން ބުނެދޭންވެސް ނުއެނގެއެވެ. ހިތް އުފަލުން ފުރުނެވެ. މިއުލެވެނީ އަމިއްލަ މައިންބަފައިންގެ ގާތުގައި ނޫންކަން އިޙްޞާޞްވެސް ނުކުރެވެއެވެ.  

އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތް މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްބާކޮށްލި ބޭނުމަކީ އެންމެ ވާހަކައެއް ބުނުމަށެވެ. އެއީ ފިރިމީހާގެ ކިބައިން ލޯބި އިތުރަށް ލިބެން ލިބެން ބޭނުންވާނަމަ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ބުނުމަށެވެ. އިތުރަށް ބުނެލަން ބޭނުންވަނީ އެންމެންގެވެސް އޮންނާނީ ތިމާގެ ވެސް އޮތްފަދަ ހިތެއްކަން ޤަބޫލުކޮށް އެއްވެސް މީހެއްގެ ހިތުގައި ނިޖެއްސުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން އަޅުގަނޑަށް މިވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. 

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. އަޅުގަނޑުގެ ޢަމަލުތައް ބަދަލުކުރިތަނާހެން އަޅުގަނޑަށް ވަޒީފާގެ ކުރިއެރުމެއް ލިބި ލިބޭ މުސާރަވެސް ބޮޑުވިއެވެ. އުންމީދުކުރަނީ އެއީ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުމުން ލެއްވެވި ރަޙްމަތެއް ކަމަށެވެ.

 

 

 

- ޝަމްރަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން