ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ދެކެ ލޯބިވެ ލޯބިދިނުމުގަ މިފަދަ ފިރިއެއްގެ ވާހަކަ އަޑުއެހީމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ދެކެ ލޯބިވެ ލޯބިދިނުމުގަ މިފަދަ ފިރިއެއްގެ ވާހަކަ އަޑުއެހީމުތަ؟

އެއީ އެހާބޮޑު ތަނަވަސްކަމެއް ނެތްނަމަވެސް ފުދިގެން ދިރިއުޅުނު ދެމަފިރިންނެވެ. ލިބުނީ ދެދަރިންނެވެ. އަންހެންދަރިއަކާއި ފިރިހެންދަރިއެކެވެ. އަންހެން ދަރިފުޅު ކައިވެނިކުރި މީހާ ބޭނުންވީ އޭނާގެ ގެއަށް އަނބިމީހާ ގެންދަންކަމަށްވުމުން އެގޮތަށް މަންމަވެސް ބައްޕަވެސް ރުހުނީއެވެ. ކައިވެނިކުރުމަށްފަހު އަނބިމީހާއަށް އޮންނާނީ ފިރިމީހާއަށް ކިޔަމަންތެރިވުންކަމަށްވާތީއެވެ. 

ދެމަފިރިން އުންމީދުކޮށްގެން ތިބީ ފިރިހެން ދަރިފުޅު ކައިވެނިކޮށްގެން އަނބިމީހާ ގެއަށް ގެނައިމާ އަނަހެން ދަރިފުޅު ގޭގައި ނެތްތަން ފޫބެއްދޭނެ ކަމަށެވެ. ނަމަވެސް ކަންތައްތައް މެދުވެރިވީ ދިމާ އިދިކޮޅަށެވެ. ޅީދަރިފުޅު މައިދައިތަޢާއިމެދު ކަންކަން ކުރަންފެށީ ނޯކަރަކަށް ކަންކަން ކުރާނެ ގޮތަށެވެ. އަބަދުވެސް އޮންނަނީ އަމުރުކުރުމެވެ. ކައްކަންވެސް ޖެހެނީ މައިދައިތައަށެވެ. އަމިއްލައަތުން ނުކައްކާ ތަނުގައި ކައްކާއެއްޗެއްގެ ރަހައަށް ކިތަންމެ ކުޑަ ބަދަލެއް އައިނަމަވެސް ނޯކަރަކަށް އެއްޗެތިގޮވާފަދައިން އެއްޗެތިގޮވައެވެ. 

މިކަންކަން ބައްޕައަށްވީ ވަރަށް ބޮޑު ކަމަކަށެވެ. އެހައިތަނަށް ޖަމާކުރެވިފައި ހުރި ހުރިހާ ފައިސާއެއް ދީފައި ފްލެޓެއް ގަތެވެ. ފްލެޓް ގަނެފައި ފިރިހެން ދަރިފުޅުގެގާތުގައި ބުނީ ދެމަފިރިން އެފްލެޓަށް ބަދަލުވުމަށެވެ. 

މަނަމައަށް އެގޮތް ކަމަކު ނުދިއައެވެ. މުސްކުޅިވި ދުވަހު ދެމަފިރިން އެކަނި އުޅެން ހިތްހަމަޖެހިގެން އެވާހަކަ ފިރިމީހާގެ ގާތުގައި ބުނުމުން ބުންޏެވެ. "ބުނަން ހެއްޔެވެ؟ އަހުރެންނަކަށް އެއްޗެއް ނުބުނެއެވެ. އެކަމަކި ތިބާއާއިމެދު ކަންކަން އެކުރާގޮތާއި ކިޔާއެއްޗެތި އަޑުއިވެއެވެ. އެކަންނަ ލޮލުން ދެކޭކަށް އަދި އަޑުއަހާކަށް ފަސޭހައެއް ނޫނެވެ. 

މިޢުމުރުގައި ބޭނުންވާނީ ހިތްގަމަޖެހިގެން ތިބުމެވެ. އަހުރެން ދުނިޔޭގައި ހުއްޓައި ތިބާއަށް އެއްވެސް ކަމަކަށް ދައްޗެއް ނުވާނެއެވެ. ކެއްކޭ ފަހަރަކު ކައްކާނީއެވެ. ނުކެއްކޭ ފަހަރަކު ނުކައްކާނީއެވެ. އަހުރެންނަށްވެސް ކައްކަން އެނގެއެވެ. ނުކެއްކިގެން ނުކައި ތިބޭކަށް ނުޖެހޭނެއެވެ. 

ދެން އޮތީ އަހުރެން މަރުވެ ތިބާ އެކަނިވެރިވާ ދުވަހެއް ފެނުމެވެ. އެދުވަހުން ރަނގަޅު ގޮތުގައި ތިބާ ބަލާ ދަރިއަކަށް މިގެދޭށެވެ. ދަރިއަކަށް ނުޖައްސައި އުޅެވޭނެނަމަ ގެއިން ބައެއް ކުއްޔަށްދީފައި ލިބޭ ފައިސާއިން ނޯކަރަކު ލައިގެން ތިބާއުޅޭށެވެ. އެގޮތް މާފަސޭހަވާނެއެވެ. އަހުރެންގެ ގެއާއި އަދި މަރުވާއިރު އަތުގައި ހުރިނަމަ ހުރި ފައިސާއެއް ތިބާއަށެވެ. އަހުރެންނަށް ދުނިޔެ ލިބުނީ ތިބާގެ ސަބަބުންނެވެ. އާޚިރަތް ހޯދައިދޭން މިހާރުވެސް ތިއަ މަސައްކަތްކުރަނީއެވެ. ވީމާ މިއީ އަހުރެން ތިބާއަށް ދޭ ކުޑަކުޑަ ހަދިޔާއެކެވެ. މިހަދިޔާ ޤަބޫލުކޮށް ޢުމުރުން ބާކީ އޮތް ދުވަސްކޮޅުވެސް ދެމީހުން އެކުގައި އުފަލުގައި ތިބެން މަސައްކަތްކުރަމާ ހިނގާށެވެ!" 

ފިރިމީހާގެ ވަޞިއްޔަތާއި ފިރިމީހާ އޭނާ ދެކެ ލޯބިވާވަރު އެނގުމުން ހިތް އުފަލުން ފުރުނެވެ. ޖަވާބުގައި ބުނާނެ އެއްޗެއްވެސް ނުވިސްނި އެތައް އިރަކު ހިމޭނުން އިނެވެ. 

މިއީ އަޅުގަނޑުގެ ބޮޑުދައިތަމެން ދެމަފިރިންގެ ވާހަކައެވެ. މިހާރު އެތިބީ 70 އަހަރުވެފައެވެ. އެކަމަކު ދެމަފިރިން ދިރިއުޅެމުން އެގެންދަނީ ޒުވާން ދެލޯބިވެރިން ފަދައިންނެވެ. އަޅުގަނޑުގެ ހިތަށް އަރަނީ ކޮންމެ ފިރިއަކުވެސް މިފެންވަރަށް އަނބިމީހާ ދެކެލޯބިވެ ލޯބިދޭނެނަމަ ކޮންފަދަ ހެއްޔެވެ؟ މިހެން ބުނާއިރުވެސް އަނބިންނަކީވެސް ބޮޑުދައިތަފަދަ އަންހެނަކަށް ވާންޖެހޭނެކަންވެސް ޤަބޫލުކުރަމެވެ.

 

- ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން