ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދުވާފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވާފަރުގައި ޤާއިމްކުރެވުނު އެމްއައިބީގެ އޭޓީއެމް މެދުވެރިކޮށް، ރަށުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމްއައިބީން ބުނެއެވެ. މި ޚިދުމަތް ފެށުމަކީ ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.