ރ. ދުވާފަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ދުވާފަރުގައި ބާއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ދުވާފަރު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ 142.11 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވާއިރު، މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައެވެ. މަޝްރޫޢުގެ ދަށުން 62,264 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 343 މީޓަރުގެ ތޮއްޓެއް ބޭރުތެރެއަށް ޖެހުމާއި، 285 މީޓަރުގެ ތޮއްޓެއް އެތެރެވަރިއަށް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮއްޓެއް ލުމާއިއެކު، 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބުރިޖެއް ހެދުމާއި، 154 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
5047 މީހުންގެ އާބާދީއެއް ދިރިއުޅޭ ރ. ދުވާފަރަކީ މަސްވެރި ރަށެކެވެ. މީގެ އިތުރުން ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ރައްޔިތުންވެސް ގިނަ ރަށެކެވެ. މި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް އުޅަނދުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ބެލެވެއެވެ.
މި މަޝްރޫޢު ހިންގާ އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ދުވާފަރު ބަނދަރު މަޝްރޫޢަކީ އެ ކުންފުނިން ރާއްޖޭގެ ރަށްރަށުގައި ހިންގާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.