ރ. ދުވާފަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙުސާންއެވެ. މި މަޝްރޫޢުގެ ދަށުން ދުވާފަރުގެ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ފުލުހުންގެ ޚިދުމަތް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއި، ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީގެ އިތުރުން ދުވާފަރު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިޖުތިމާޢީ ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ވަށާފާރު ރޭނުމާއި، އޮފީސް އިމާރާތެއް ހެދުމާއި، ޤައިދީން ބައިތިއްބާނެ ތަނެއް ހެދުމާއި، ގަރާޖެއް ހެދުން ހިމެނެއެވެ. މިއީ 36.03 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް 360 ދުވަސްތެރޭ ނިންމުމަށް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ.
5047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރުގައި ޕޮލިސް ސްޓޭޝަންއެއް ޤާއިމުކުރެވިގެން ދިއުމަކީ ރަށުގައި ކުށް މަދުކުރެވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައިފައެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުނިން، ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އަދާކުރަމުންދާ މުހިންމު ދައުރު މި މަޝްރޫޢުންވެސް ދައްކުވައިދެއެވެ.