ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދުވާފަރު ކައުންސިލް މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ދުވާފަރުގެ ޖުމުލަ 16.65 ކިލޯމީޓަރުގެ ދިގުމިނުގައި 75 މަގު ހެދުން ހިމެނެއެވެ. މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއެކު، ސަރވިސް ލައިން އެޅުމާއި، ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޕޭވްމަންޓެއް ހެދުމާއި، ދުއްވާ ސަރަހައްދެއް ޤާއިމު ކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

މި މަޝްރޫޢަކީ 312.66 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 810 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢު ނިމުމުން ރ. ދުވާފަރުގެ ޢުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

5,047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރަކީ މިހާރުވެސް ޒަމާނީ ފެންވަރަށް ގިނަ މަގުތަކެއް ހެދިފައިވާ ރަށެކެވެ. މި ތިންވަނަ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ދުވާފަރު އިތުރަށް ތަރައްޤީވެ، ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް އިތުރު ރައްކާތެރިކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދިފައިވާ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އެމްޓީސީސީއިން އަދާކުރަމުންދަނީ މުހިންމު ދައުރެކެވެ.

މިއަދު އޮންލައިން