ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ރ. ދުވާފަރުގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ ޢާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައިގެންނެވެ. ރޫޓާއި ޝެޑިއުލް އެކުލަވާލިއިރު، ސްކޫލްތަކާއި، ބީޗް ސަރަހައްދާއި، އޮފީސްތަކާއި، އިންޑަސްޓްރިއަލް ސަރަހައްދުތަކާއި، ހޮސްޕިޓަލުތަކާއި، ފެރީ ޓާމިނަލްތަކަށް އެންމެ ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ވަނީ ރިއާޔަތްކޮށްފައެވެ. މިއީ ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކުރާ މަސައްކަތެކެވެ.
އާރްޓީއެލް ދުވާފަރު ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންދާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. މަދަރުސާތައް ހުޅުވިފައި އޮންނަ ދުވަސްތަކުގައި، އާދިއްތައިން ބުރާސްފަތީގެ ނިލަޔަށް، ކޮންމެ ދުވަހަކު ހެނދުނު 6:00 އިން މެންދުރުފަހު 3:30 އަށް ޚިދުމަތް ދޭނެއެވެ. ހޮނިހިރު ދުވަހާއި މަދަރުސާތައް ބަންދު ދުވަސްތަކުގައި، މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އާރްޓީއެލް ބަހުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މި ޝެޑިއުލްތައް ކަސްޓަމަރުންނަށް އާރްޓީއެލް ވެބްސައިޓް އަދި އެޕް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
ދަތުރުކުރުމަށް ޓިކެޓް ނެގުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާސްޓަރކާޑް/ވިސާކާޑް ބޭނުންކުރައްވައިގެންނާއި، ކިއު.އާރް ޓިކެޓިންގެ ޒަރީއާއިންނެވެ. ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރައްވަން ވާނީ މި ކުންފުނިން އެކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓް (www.rtl.mv) ނުވަތަ އާރްޓީއެލް ޓްރެވަލް އެޕެވެ. ކިއުއާރް ޓިކެޓް ބައްލަވައިގަންނާނެ ގޮތުގެ ވީޑިއޯތައް އާރްޓީއެލް ޔޫޓިއުބް ޗެނަލާއި މީސް މީޑިއާ މަންސަތަކުގައި ޝާއިއުކޮށްފައިވާނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.
މިއީ ރަސްމީކޮށް އަގުނަގައިގެން ދޭ ޚިދުމަތެއް ކަމުގައި ވީނަމަވެސް، ބައެއް ޚާއްސަ ފަރާތްތަކަށް މި ޚިދުމަތް ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ސްކޫލް ދަރިވަރުންނާއި، 65 އަހަރުން މަތީގެ ބޭފުޅުންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ވެފައިވާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެއެވެ. އާރްޓީއެލްގެ މަޤުސަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުމެވެ.