ދުވާފަރު އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދުވާފަރު އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ރ. ދުވާފަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯ ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ވަނީ އެރަށުގައި ބާއްވާފައެވެ. ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، މަޝްރޫޢު ހިންގާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، (ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް) އަޙުމަދު ސަޢުދީ އާއި ދުވާފަރު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ރަށުގެ ކުޅިވަރުގެ ވަޞީލަތްތައް އިތުރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ދައްކުވައިދޭ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މަސައްކަތުގެ ދަށުން ބިންގަނޑު އެއްވަރުކުރުމާއި، ކޮންކްރީޓް މަސައްކަތްތައް ކުރުމާއި، ވަށާފާރެއް ރޭނުމުގެ އިތުރުން ވޮލީ ކޯޓަށް ބޭނުންވާ އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 120 ދުވަހުގެ ތެރޭގައެވެ.

5047 މީހުންގެ އާބާދީއެއް ދިރިއުޅޭ ރ. ދުވާފަރުގައި މި ވޮލީ ކޯޓު ތަރައްޤީކުރުމަކީ ރަށުގެ ޒުވާނުންގެ ވަރަށް ބޮޑު އުންމީދެކެވެ. މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވާނެކަމަށް މަޝްރޫޢު ހިންގާ ކުންފުނިން ޤަބޫލުކުރެއެވެ.

މިފަދަ މަޝްރޫޢުތައް ހިންގުމުގައި އެމްޓީސީސީން އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން