ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފި

ރ. ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ޑަބްލިޔު.އެމް.ސީ) ގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ދުވާފަރުގައި ބާއްވައިފިއެވެ. މި މަޝްރޫޢަކީ ރަށުގެ 5047 މީހުންގެ އާބާދީއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރެވެ. ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީގެ އިތުރުން ދުވާފަރު ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިހާރު ހުރި އޮފީސް އިމާރާތް ރެނޮވޭޓްކުރުމާއި، 216 އަކަފޫޓުގެ ސަރަހައްދެއްގައި ނުރައްކާތެރި ކުނި ރައްކާކުރާނެ ތަނެއް ހެދުން ހިމެނެއެވެ. އަދި 2700 އަކަފޫޓުގެ ސަރަހައްދެއްގައި ވެއާހައުސްއެއް އެޅުމާއި، ލޭންޑްސްކޭޕިންގ މަސައްކަތްތައް ކުރުމުގެ އިތުރުން މިހާރު ހުރި ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެއެވެ. މިއީ 1.76 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެއް ކަމަށާއި، މި މަސައްކަތް 120 ދުވަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ދުވާފަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރެވިގެން ދިއުމާއެކު، ރަށުން ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އިންތިޒާމު ޤާއިމުވެގެން ދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ސާފުތާހިރުކަމާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢު ހިންގާ އެމްޓީސީސީން ވަނީ 1980 ވަނަ އަހަރު އުފެދުނީއްސުރެ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިއަދު އޮންލައިން