ރ. ދުވާފަރުގައި އިޔާދަކުރަވި ހަކަތައިގެ މުހިންމު މަޝްރޫޢެއް ކަމަށްވާ "އިރުން ހަކަތަ"ގެ ނަމުގައި މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢު ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެކަމަނާ ދުވާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢު ފެށުމަށްޓަކައި ދުވާފަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. "އިރުން ހަކަތަ" މަޝްރޫޢު ރަސްމީކޮށް ފަށްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ.
މި މަޝްރޫޢުގެ އެންމެ ބޮޑު މަޤްސަދަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ. މިއީ ރާއްޖޭގެ ހަކަތަ އުފެއްދުމުގައި ދެމެހެއްޓެނިވި ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢަކީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ދައްކުވައިދޭ މަޝްރޫޢެކެވެ.
މި މަސައްކަތާއެކު ދުވާފަރުގެ ގޭބީސީތަކަށް އިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިވާނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން ޑީސަލް އަންދާ މިންވަރު މަދުވެ، ޖައްވަށް ބޭރުކުރާ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދީ އަދި ތިމާވެށީގެ ހާލަތު ރަނގަޅުވުމަށް މަގުފަހިވާނެކަމަށް ލަފާކުރެވެއެވެ.