ދުވާފަރު ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ސިއްޙީ ވަޒީރު ފަށްޓަވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދުވާފަރު ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ސިއްޙީ ވަޒީރު ފަށްޓަވައިދެއްވައިފި

ރ. ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކުރުމަށްޓަކައި އަޅާ އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމްއެވެ. ސަރުކާރުން ވަނީ ދުވާފަރު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަށް ނިންމަވާފައެވެ.

މި މަސައްކަތް ފެށުން ފާހަގަކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީރު ނާޘިމް އިބްރާހީމް ވަނީ ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ.

ރ. ދުވާފަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ޢިމާރާތް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. މި މަސައްކަތް ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 6 މަސް ދުވަހެވެ.

މި މަޝްރޫޢުގެ ދަށުން އެ އިމާރާތުގައި ގާއިމުކުރެވޭނެ މުހިންމު ވަސީލަތްތަކުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، އައިސީޔޫއާއި، ނަރސް ސްޓޭޝަންއާއި، ޕްރޮސީޖަރ ރޫމެއް ހިމެނެއެވެ. މީގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމެއް ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޙުސެއިން ތަސްމީންއެވެ.

މިއަދު އޮންލައިން