ރ. ދުވާފަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދަނާލުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި
މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެކަމަނާ ދުވާފަރަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ދުވާފަރުގައި ދަނާލުގެ އިމާރާތް ޤާއިމް ކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މަތީތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު އަޙްމަދެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14 ގެ ތެރޭގައި ހިމެނޭ ދަނާލު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ޖުމްލަ 4 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއް ސަރަހައްދަކީ ރ. ދުވާފަރެވެ. ދުވާފަރުގައި ދަނާލު ބިނާކުރުމަށްޓަކައި ބިން ހަވާލުކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ދުވާފަރުގައި އިމާރާތްކުރާ މި ދަނާލުގެ އާކިޓެކްޗަރަލް ޑިޒައިންގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ފާހާނާ ހިމެނޭހެން 30 ކޮޓަރި ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ކުރުމަށް ބަދިގެއަކާއި ކާގެއެއްވެސް ހިމެނޭނެއެވެ. އަދި ލޯންޑްރީ އޭރިޔާއަކާއި، ދަރިވަރުންގެ ސިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ދަނާލުގެ ތަމްރީނު ދިނުމަށް ޚާއްސަ ކުރެވިފައިވާ ބައިގައި ކުލާސްރޫމްތަކާއި، އައިސީޓީ ލެބަކާއި، އެޑްމިން އޮފީސް ހިމެނޭހެން ޓްރެއިނިންގ އޭރިއާއެއްވެސް ހިމެނޭނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މި މަޝްރޫޢާއެކު ދުވާފަރުގެ ތަޢުލީމީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.