ޙައްޖު ޢުމްރާ އެގްޒިބިޝަން 2025 ގެ ތެރެއިން ކުރިއަށް ގެންދާ ސްޓޯލް ހަރަކާތްތަކަށް އާއްމުންގެ ތަރުހީބު ބޮޑުކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު 16:00 އިން 19:00 އަށް ކުރިއަށްގެންދިޔަ މި އެގްޒިބިޝަންގައި ރާއްޖޭގައި ހަރަކާތްތެރިވާ އެކި ޢުމްރާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މި އެގްޒިބިޝަންގެ ތެރެއިން އާއްމުންނަށް ޒަމްޒަމް ފެން ބޯން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވެއެވެ.
މި އެގްޒިބިޝަންގައި ބައިވެރިވާ ކުންފުނިތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް، މީޤާތު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑް، ކަމަނަ އަލްޙައްޖު ވަލްޢުމްރާ، ތަޙީ ޙައްޖު އެންޑް ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް އަދި އަލްފަޖްރު ޓްރެވަލްސްއެވެ. މީގެ އިތުރުން ޤައުމީ އެއާލައިން، މޯލްޑިވިއަނުންވެސް މި އެގްޒިބިޝަންގައި ބައިވެރިވިއެވެ.