ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ޚާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ޚިދުމަތްތަކަކާއެކު "މަސްވެރިޔާ ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ، ރ. ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
މި ޕޯޓަލްގެ އެންމެ ބޮޑު އެއް ފަސޭހައަކީ، ބީއެމްއެލްގެ އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަށް އޮންލައިންކޮށް ފަސޭހަކަމާއެކު ހުށައެޅުމުގެ ފުރުޞަތު މަސްވެރިންނަށް ލިބިގެންދިއުމެވެ. މިކަމުގެ ސަބަބުން ބޭންކުގެ އެއްވެސް ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެން ޚިދުމަތްތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
މަސްވެރިންނަށް ޚާއްސަ މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް މަރާމާތު ކުރުމަށް 45 މިލިއަން ރުފިޔާއާއި ހަމައަށް ލުއި ލޯނަށް އެދި ހުށައެޅޭނެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ސާމާނު ގަތުމާއި، އައު ކުރުމަށް ލުއި ފައިނޭންސިންގެ ޒަރިއްޔާއިން 3 ލައްކަ ރުފިޔާއާއި ހަމައަށް އެދެވޭނެއެވެ. މި ސްކީމްތަކަކީ މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ދޭ އެހީތެރިކަމެކެވެ.
ތަޢުލީމީ އެހީތެރިކަމުގެ ދަށުން، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް، ރާއްޖޭގެ ބޭންކަކުން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސިންއަށް ހުށައެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ. އެގޮތުން، ތަޢުލީމު ޙާސިލު ކުރުމަށް ހިނގާ ޚަރަދުގެ %90އާއި ހަމައަށް މާލީ އެހީ ލިބޭނެއެވެ. މި އެހީ ދޫކުރަނީ، %2.5ގެ ކުޑަ ޕްރޮފިޓް މާޖިންގައެވެ.
މީގެ އިތުރުން މަސްވެރިކަމުގެ އުޅަނދުފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށް ޖުމުލަ %70 އާއި ހަމައަށް ފައިނޭންސް ހޯދޭނެއެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހޭނީ 7 އަހަރުގެ މުއްދަތުންނެވެ. އަދި ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް މި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް ހަމަޖެހެނޭއެވެ. މަސްވެރިންގެ ވިޔަފާރި ފުޅާކުރުމަށް މި ޕޯޓަލް ވަރަށް ބޮޑު ލުއިފަސޭހައެއް ގެނެސްދޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.