މަރްޙޫމް ޙަސަން ޞާބިރު މަސްވެރިކަމުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
މަރްޙޫމް ޙަސަން ޞާބިރު މަސްވެރިކަމުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައިފި

ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޙަސަން ޞާބިރު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައިފިއެވެ. ޙަސަން ޞާބިރަކީ 1993 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިކަމުގެ ދާއިރާއަށް ގިނަގުނަ ކުރިއެރުންތަކެއް ވަނީ ގެނެސްދެއްވާފައެވެ.

ޙަސަން ޞާބިރުގެ ވަޒީރުކަމުގައި ދިވެހިރާއްޖޭގެ ފަރު މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގެން، އެކަމަށް ޚާއްޞަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. މިގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ (ފާއޯ) އާ ގުޅިގެން ފަރުމަހާއި، މިޔަރުގެ އަދި ދިރޭ ކުދިމަހުގެ މަސްވެރިކަން މެނޭޖް ކުރުމާ ބެހޭ މަސައްކަތު ބައްދަލުވުންތައް ބާއްވަވައި، ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ޤައުމީ މަހާސިންތާއެއް އިންތިޒާމް ކުރެއްވިއެވެ. މިއީ ދިވެހި މަސްވެރިކަމުގެ ސިޔާސަތުތައް އެކުލަވާލުމުގައި މުހިއްމު ބިންގަލެއްކަމަށް ވެގެންދިޔަ މަސައްކަތެކެވެ.

މީގެ އިތުރުން، އަލްމަރްޙޫމް ޙަސަން ޞާބިރު ވަޒީރުކަމުގައި މަސްވެރިކަމާ ގުޅޭ ދިރާސާއާއި ޢިލްމަށް ވެސް ވަރަށް ބޮޑަށް އިސްކަން ދެއްވިއެވެ. ކަމާގުޅޭ ފޮތްތައް ޝާއިޢުކުރެއްވުމަށް އިސްކޮށް މަސައްކަތް ކުރެއްވިއެވެ. މިގޮތުން، "މޯލްޑިވްސް މެރިން ރިސާރޗް ބުލެޓިން" ނެރުއްވައި، ދިރޭ ކުދިމަހާ ބެހޭ ދިރާސާތައް ހިމެނޭ "އެކުއޭރިއަމް ފިޝް ޓްރޭޑް އޮފް ދަ މޯލްޑިވްސް" ނެރުއްވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖެއިން އާންމުކޮށް ފެންނަ ބާވަތްތަކުގެ މަހުގެ މައުލޫމާތު ހިމެނޭ "ފިޝަސް އޮފް ދަ މޯލްޑިވްސް" ފޮތް ނެރުއްވީވެސް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިންނެވެ. މި ފޮތަކީ މިހާރުވެސް މަސްވެރިންނާއި، ޑައިވަރުންނާއި ދަރިވަރުންގެ މެދުގައި މަޤުބޫލު ފޮތެކެވެ.

އަލްމަރްޙޫމް ޙަސަން ޞާބިރުގެ މޭސްތިރިކަމުގެ ދަށުން، މަސްގަންނަ ފެސިލިޓީއެއްގެ ގޮތުގައި ކޫއްޑޫ ތަރައްޤީކުރައްވައި، ކޫއްޑޫގައި އަލަށް ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރެއްވިއެވެ. މީގެ އިތުރުން، ދެކުނުގެ ސަރަހައްދުގައި މިފްކޯގެ އޮޕަރޭޝަން ފުޅާކުރެއްވުމުގެ މުހިއްމު މަސައްކަތްތައް ވެސް ވަނީ ކުރައްވާފައެވެ. މި ޚިދުމަތްތަކުގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، މަސްވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދިޔައެވެ. 

މިއަދު އޮންލައިން