މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ. މި ނިންމެވުމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިކަން އިޢުލާނުކުރެއްވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ޤައުމީ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާރި އަގުހެޔޮވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
"މިއަދުން ފެށިގެން ގެންނަ ބަދަލަކީ އެ ބަދަލުގެ ސަބަބުން މަސްވެރިންނަށް މިހާރު ތެޔޮދޭ އަގަށް އެވްރެޖްކޮށް ގެނެވޭ ބަދަލުގެ ތެރެއިން ލުޔެއް. މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާއިރު އަގުހެޔޮވާނެ. އަދި ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވެގެންދާނެ. މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަން އަދި ތެލަކުން މި ބަދަލު އަންނާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަގުހެޔޮކުރުމަށްފަހު، ޑިސެމްބަރު 14 ވަނަ ދުވަހުން ފެށިގެން ތިން ޓަނަށްވުރެ ގިނައިން މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.72 ރުފިޔާއަށެވެ. އަދި އާއްމު ފަރާތްތަކަށް ތެޔޮ ވިއްކާނީ 14.43 ރުފިޔާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވިއެވެ. މި ބަދަލުތައް ގެނެވުނީ މިފްކޯއާއި އެސްޓީއޯ އަދި އެފްއެސްއެމް ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދެކުނު މަސްވެރިން އެވްރެޖުކޮށް ދުވާލަކު 2000 ރުފިޔާ ތެލަށް ޚަރަދުކުރެއެވެ. އަލަށް ގެނައި ބަދަލާއެކު ތެލަށް ކުރާ ޚަރަދުން 1000 ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލަކީ މަސްވެރިންގެ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ދާއިރާއަށް ހިތްވަރުދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.