ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި 2023 އަދި 2024 ވަނަ އަހަރު ފާހަގަކޮށްލެވޭ ނަތީޖާއާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ 32 ފަރާތަކަށް އިނާމު ދީފިއެވެ. މި އިނާމުތައް ދީފައިވަނީ މަސްވެރިކަމުގެ ރަސްމީ ޖަލްސާގައެވެ. މިއަހަރުގެ ޖަލްސާ ބާއްވާފައިމިވަނީ ރ.ދުވާފަރުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު މި އިނާމުތައް ޙާސިލްކުރި ފަރާތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްވެރި ދޯނިތަކުގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ކުންފުނިތައް ހިމެނެއެވެ. ޖުމްލަ 32 ފަރާތަކަށް އިނާމު ދެވިފައިވާއިރު، މީގެތެރެއިން 2023 ވަނަ އަހަރަށް އިނާމު ލިބުނު 18 ފަރާތާއި، 2024 ވަނަ އަހަރަށް އިނާމު ލިބުނު 14 ފަރާތެއް ހިމެނެއެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޚާއްސަ އިނާމު 2024 ވަނަ އަހަރު ލިބިވަޑައިގެންނެވީ ގ.ފިޔާތޮށިގޭ އަލްމަރްޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އަށެވެ. އަލްމަރްޙޫމް ޙަސަން ޞާބިރު ވަނީ 1974 ވަނަ އަހަރުން ފެށިގެން މި ދާއިރާއަށް އެކި ގޮތްގޮތުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މި އިނާމަކީ މަސްވެރިކަމުގެ ސިނާއަތަށް ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ދޭ އިނާމެކެވެ.
މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބުކަމުގައި ވާއިރު، މިފަދަ އިނާމުތައް ދިނުމުގެ މަޤްޞަދަކީ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތްވަރު އިތުރުކޮށް، ސިނާޢަތުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ބާރުއެޅުމެވެ.