"ދެކެން ބޭނުންވަނީ މަސްވެރިކަމުގެ ސިނާޢަތުގަ ހަމައެކަނި މަސްވެރިން މަސައްކަތްކުރާ ދުވަސް! އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން!" ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން މިރޭ ދުވާފަރުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސްވެރިކަމަށް ޒުވާނުން ކުރިމަތިލައިގެން ނުކުތުމަށާއި އަދި ޒުވާނުން ނެރުމަށް މަސައްކަތްކުރަން ހިތްވަރުދިނުމަށް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ދެކެން ބޭނުންވަނީ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ަމސައްކަތްކުރަނީ ހަމައެކަނި ދިވެހިންކަމަށްވުމަށް. މިހާރު އެހެން ބައަކު މަސައްކަތް ކުރަނީ ދިމާވެފައިވާ މަޖުބޫރީ ޙާލަތަކުން. އެކަން ޙައްލުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން."
މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ބޭރުމީހުން މިހާރުވަނީ ވަރަށް ބޮޑަށް ގިނަވެފައެވެ. މަސްވެރިކަންކުރާ ގިނަ ޢަދަދެއްގެ އުޅަނދުތަކުގައި މިހާރު ބިދޭސީން މަސައްކަތްކުރެއެވެ. މަސްމާރުކޭޓް ސަރަޙައްދުގައިވެސް މަސައްކަތްކުރެއެވެ. މިކަން މިގޮތަށް މެދުވެރިވެފައި މިވަނީ ފާއިތުވި ސަރުކާރުތަކުން މިކަމަށް އަޅައިވެސް ނުލައި ދޫކޮށްލާފައި އޮތުމުންނެވެ.