ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުޙައްމަދު ނިޔާޒު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި، ފަނޑިޔާރު މުޙައްމަދު ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވި ދެ މަޤާމަށް ފަނޑިޔާރުން ހޯދުމަށެވެ.
ޖޭއެސްސީން ބުނެފައިވާ ގޮތުގައި، ހައި ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ 2 މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލާފައިވާނެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުށަހެޅޭނެއެވެ. ހައިކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެއް ނަމަވެސް، މިހާރު އެ ކޯޓުގައި ތިއްބަވަނީ 9 ފަނޑިޔާރުންނެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހެއެވެ. އެގޮތުން، އެމީހަކީ ޢުމުރުން 25 އަހަރުވެފައިވާ މީހަކަށްވުމާއި، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރައާއި އިނާޔަތްތައްވެސް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ. ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. މީގެ އިތުރުން ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.