ހއ. ކެލާގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއެކު، ހއ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓާ ގުޅޭ ކަންކަން ފަސޭހަކޮށްދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޑިސެންބަރު މަހުގެ 13 ވަނަ ދުވަހު ހއ. ކެލާގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިޔެކިޔުންތަކުގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަށް އިމިގްރޭޝަނުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މި ޚިދުމަތް ފެށުމާއެކު، ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް ޕާސްޕޯޓު ލިބިގަތުމަށް (ކަލެކްޝަން ޕޮއިންޓް) ގޮތުގައި މިހާރު ތިން ރަށެއް ޚިޔާރުކުރެވޭނެއެވެ. އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، މިހާރު ހއ. އަތޮޅުގައި ޕާސްޕޯޓު ލިބިގަތުމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ދިއްދޫ، އިހަވަންދޫގެ އިތުރުން ކެލާ ވެސް ހިމެނެއެވެ.
މީގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމެއް ނެތި ޕާސްޕޯޓު ލިބިގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.