ތައިލޭންޑުން އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތައިލޭންޑުން އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް އިލްތިމާސްކޮށްފި

ތައިލޭންޑުން އުފައްދާ ބައެއް ބޭސްތަކުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަކުރެވިގެން އެ ބޭސްތައް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ. މިކަމުގެ ސަމާލުކަން ދީފައިވަނީ ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލުތަކަށްފަހު ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް (SEARN) މެދުވެރިކޮށެވެ.

އެމްއެފްޑީއޭއިން ހާމަކުރެއްވި ގޮތުގައި ތަހުލީލުތަކުން މި މައްސަލަ ފެނިފައިވަނީ ތިން ބާވަތެއްގެ ބޭހުންނެވެ. އެއީ ޑައިބެޓިކް މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750އެމްޖީ އާއި، ރެނިޓިޑން 150އެމްޖީ އާއި، ވިޓަމިން އޭ – ރެޓިނޯލް 60އެމްޖީ ގެ ބޭހުގެ ވަކި ބެޗުތަކަކުންނެވެ. މި ބޭސްތަކުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ނުރައްކާތެރި ކެމިކަލް ހުރިކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މި މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސްތައް ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ އެއްވެސް އުސޫލެއްގެ ދަށުން އެތެރެކޮށްފައިނުވާކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެހެންކަމުން ރާއްޖޭގެ ބާޒާރުގައި މި ބޭސްތައް ރަސްމީކޮށް ވިއްކަމުން ނުދާނެ ކަމަށް އެ އޮތޯރިޓީން ލަފާކުރައްވައެވެ.

ނަމަވެސް، ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގިނައިން ދަތުރުކުރާ ޤައުމަކަށްވުމާއެކު، އެ ޤައުމުން ބޭސް ގަންނަ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ބޭސް ގަތުމުގެ ކުރިން ބޭހުގެ ބްރޭންޑާއި ބެޗް ނަންބަރު ބެލުމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދެއްވާފައެވެ.

މިއަދު އޮންލައިން