މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 866 މިލިޔަން ޑޮލަރު: އެމްއެމްއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 866 މިލިޔަން ޑޮލަރު: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވުގައި 866.3 މިލިޔަން ޑޮލަރު ހުރިކަމަށް ވަނީ ހާމަވެފައެވެ. މިއަހަރުގެ ޖުލައި މަހުން ފެށިގެން ރަސްމީ ރިޒާވް އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވަމުންނެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 859.5 މިލިޔަން ޑޮލަރެވެ. މި އަދަދު އޮކްޓޫބަރު މަހު 25 ވަނަ ދުވަހުގެ ނިޔަލަށް 866.3 މިލިޔަން ޑޮލަރަށް އިތުރުވިއިރު، މިއީ މަހުން މަހަށް އަޅާކިޔާއިރު 0.79 އިންސައްތައިގެ ކުރިއެރުމެކެވެ.

ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރު މުއްދަތުތަކުގައި ދައްކަންޖެހޭ އިލްތިޒާމުތަކުގެ އަދަދު އޮކްޓޫބަރު މަހުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. މިގޮތުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރީ 789.6 މިލިޔަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު މިއަދަދު ހުރީ 781.7 މިލިޔަން ޑޮލަރުގައެވެ.

މި ބަދަލާއެކު، ބޭނުންކުރެވޭ ރިޒާވު ދަށްވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވާއި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ. މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެކެވެ.

އޮކްޓޫބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 193 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު ދަށް އަދަދެކެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 194.4 މިލިޔަން ޑޮލަރު ހުރިއިރު، މިއަދަދު މަހުން މަހަށް ބަލާއިރު 1.4 އިންސައްތަ ދަށްވުމެކެވެ. މި ދަށްވުމަކީ ކުރު މުއްދަތުގެ ބޭރު ފައިސާގެ އިލްތިޒާމުތައް އިތުރުވުމުގެ ސަބަބުން އައި ބަދަލެކެވެ.

މިއަދު އޮންލައިން