ބާޒާރުމަތީ ސަރަހައްދުގެ މަގު ހަދާތީ މަސް ދޯނިތައް އަޅާ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބާޒާރުމަތީ ސަރަހައްދުގެ މަގު ހަދާތީ މަސް ދޯނިތައް އަޅާ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން އަންގައިފި

މާލޭ ބަނދަރުގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ ބޮޑު މަސައްކަތާއެކު އެ ސަރަޙައްދުގެ އެއްގަމު ތޮށިވެސް އަލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާތީ، މިހާރު މަސް ދޯނިތައް އަޅާ ސަރަޙައްދުން އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

މި މަސައްކަތްތައް ފެށުމަށްޓަކައި، ކަނޑައެޅިފައިވާ ސަރަޙައްދު ހުސްކުރުމަށް އެމްޕީއެލްއިން ވަނީ އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.

އެމްޕީއެލްއިން ވިދާޅުވިގޮތުގައި، ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތަށް ބާޒާރު މަތީ ސަރަޙައްދުގެ ފަޅުތެރެ ހުސްކުރާނީ ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހުސްކުރުމަށް އަންގާފައިވަނީ މަސް މާރުކޭޓުން ފެށިގެން، 100 މީޓަރުގެ ސަރަޙައްދަށެވެ. މިއީ މިހާރު މަސް މާރުކޭޓު ކުރިމަތިން، މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ މުހިންމު ސަރަޙައްދެކެވެ.

މި ސަރަޙައްދުގައި ހުރި އުޅަނދުތައް މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް ވަނީ އަންގާފައެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުއެވެ. ވީމާ، މަސައްކަތް ފެށުމުގެ ކުރިން ކަނޑައެޅިފައިވާ ސަރަޙައްދު ހުސްކުރުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ.

މި ބަދަލާއެކު ވަގުތީ ގޮތުން މަސް ދޯނިތައް އަޅާނެ އިންތިޒާމްތައް އެމްޕީއެލްއިން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން، އެމްއެމްއޭ (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) ކުރިމަތިން އޮންނަ ސަރަޙައްދުގައި އެ އުޅަނދުތައް ވަގުތީ ގޮތުން އަޅާފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަޙައްދުތައް ފާހަގަކޮށް، އެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެކަމަށްވެސް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.

އެމްޕީއެލްއިން އިލްތިމާސްކުރައްވަނީ، ބަނދަރުގެ ތަރައްޤީގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވައި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އުޅަނދުތައް ނެގުމަށެވެ. މި މަސައްކަތްތަކަކީ މާލޭ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން