ފަރަންސޭސިވިލާތުގެ ކާންސްގައި މި ހިނގާ ޑިސެމްބަރުމަހުގެ 1ން 4ށް ކުރިއަށްދާ ދުނިޔޭގެ އެންމެ މަތީ ފަންތީގެ އަދި އެންމެ ޝަރަފުވެރި ފަތުރުވެރިކަމުގެ މަޢުރަޒުކަމަށްވާ އިންޓަރނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް) ކާންސް 2025ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ފުރުސަތުތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ފުރުސަތުތައް ދައްކާލަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.
އެންމެ މަތީ ގިންތީގެ ފަތުރުވެރިކަމަށް ޚާއްޞަ އައިއެލްޓީއެމް ކާންސްއަކީ ފަތުރެރިކަމުގެ ސިނާޢަތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ބްރޭންޑްތަކާއި، ސިނާޢަތުގެ އެންމެ ފުންނާބުއުސް ވިޔަފާރިތަކާއި ޓްރެވަލް އޭޖަންޓުން އެތަނަށް ޖަމާވެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ގިނަ ބައްދަލުވުންތަކާއި މުހިއްމު މުޢާމަލާތްތައް ހިންގާ އެފަދަ ދެވަނައެއް ނުވާފަދަ މަޢުރަޒެކެވެ. އެހެންކަމުން މަޢުރަޒުގެ އަލީގައި ރާއްޖޭގެ ލަގްޒަރީ ފުރުސަތުތައް ދުނިޔޭގެ އެންމެ މުއްސަނދި ފަތުރުވެރިންނާހަމަށް ވާސިލްކޮށްދިނުމަށް ގިނަ ދޮރުތަކެއް ހުޅުވިގެންދިއުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ ފެންވަރުގައި ޚިދުމަތްދޭ މަންޒިލެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ވަރުގަދަކަމާއެކު ފައިތިލަ ސާބިތުކުރުމަށް ލިބޭ ބޮޑު ފުރުޞަތެކެވެ.
މިއަހަރުގެ މަޢުރަޒުގައި ވިޒިޓް މޯލްޑިވްސްގެ ސްޓޭންޑް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޚާއްސަ ސިފަތައްކަމަށްވާ، ބެއަރފުޓް ލަގްޒަރީ، އޯވަރ ވޯޓަރ ވިލާތަކާއި، ވެލްނަސް ސެންކްޗުއަރީތަކާއި، މަތީ ގިންތީގެ ކެއިންބުއިމުގެ ފުރުސަތުތަކައް އެންމެ ފުރިހަމަ ގޮތުގައި ފެންނާނެ ފަދަ ގޮތަކަށް، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ސިފަވާނެ ފަދައިންނެވެ. މި ސްޓޭންޑުގައި ވިޒިޓް މޯލްޑިވްސްގެ ވަފްދުގައި ހިމެނޭ ފަސް
ރިސޯޓު ކަމަށްވާ ލިލީ ހޮޓެލްސް، ދަ ނޯޓިލަސް މޯލްޑިވްސް، ސިއްރުފެންފުށި، ދަ ހެލްސިޔޯން ޕްރައިވެޓް އައިލްސް، އޮޓޮގްރާފް ކަލެކްޝަން އަދި އަމިއްލަ މޯލްޑިވްސްގެ މަންދޫބުން ގިނަ ބައްދަލުވުންތަކެއްބާއްވާ ވިލާތާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން މި މަޢުރަޒަށް ޒިޔާރަތްކުރާ ސިނާޢަތުގެ ހިއްސާދާރުންނާއެކު މުހިއްމު ބައްދަލުވުންތައް ބާއްވާނެއެވެ. ވިޒިޓް މޯލްޑިވްސްގެ ވަފްދުގެ އިތުރުންވެސް ރައްޖޭގެ އިތުރު ގިނަ ލަގްޒަރީ ރިސޯޓްތައް މި މަޢުރަޒުގައި އަމިއްލަ ގޮތުންވެސް ބައިވެރިވާނެއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަޢުރަޒުގައި ދުރާލާ ރޭވިގެން ކުރިއަށްދާ ބައްދަލުވުންތަކުގެ އިތުރުން، ރާއްޖޭގެ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ފުރުސަތުތަކަށް އަހުލުވެރިކުރުމަށް ގިނަ ސެޝަންތަކެއް ބާއްވާ، ކަމާ ގުޅުންހުރި ގިނަ ފަރާތްތަކަށް މި ފުރުސަތުތައް ތަޢާރަފުކުރެވޭނެއެވެ. ހަމައެހެންމެ، ދިވެހިރާއްޖެއަކީ އެންމެ މަތީ ހަރުފަތުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދަތުރުވެރިންގެ ނަޒަރުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ.
"މި ފާއިތުވި ދެއަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދުދު މި ވަނީ 2 މިލިޔަނުން މަތީގައި ހިފެހެއްޓިފައި. އެހެންކަމުން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު މިއީ ފަތުރުވެރިން ރާއްޖޭގައި ޚަރަދުކުރާ މިންވަރުވެސް އިތުރުކުރުން" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒު ވަރަށް ސާފު – އާމްދަނީ އިތުރުކުރުމާއެކު އެންމެ ގިނައިން ޚަރަދުކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމާއި، ލަގްޒަރީ މާކެޓުގައި ރާއްޖޭ އެންމެ މަތީ ހަރުފަތުގައި ހިފެނެއްޓުން. މި މަޢުރަޒަކީ މިގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގައި ހުރި އެންމެ މަތީ ފަންތީގެ ޚިދުމަތްތަކާއި ފަތުރުވެރިކަމުގެ ތަފާތު ޕްރޮޑަކްޓުތައް ދައްކާލުމަށް ލިބޭ މުހިއްމު ފުރުސަތެކެވެ."
މި ހިނގާ 2025 ވަނަ އަހަރު މި މާކެޓަށް އަމާޒުކޮށް ވިޒިޓް މޯލްޑިވްސް އިން ވަނީ ގިނަ އައު ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން، ލަގްޒަރީ މާކެޓަށް އަމާޒުކޮށް މުޅިން އަލަށް ކާމިޔާބުކަމާއެކު ސުޕަރ ޔޮޓް ކެމްޕެއިނެއް ހިންގާ، ރާއްޖެއަކީ ޔޮޓު ދަތުރުތަކަށް އެންމެ ހިތްގައިމު އެންމެ އެކަށޭނެ މަންޒިލުގެ ގޮތުގައި އެލީޓް ފަތުރުވެރިންގެ މާކެޓަށްވަނީ ވަސިލްކޮށްދީފައެވެ.އަދި ހައި-އެންޑް ޓުއަރ އޮޕަރޭޓަރުންނާއެކު ހިންގުނު ޖޮއިންޓް ކެމްޕޭންތަކާއެކު މި ހަރުފަތުގައި ދެމިހުރުމަށް އިތުރު ބާރު ލިބި، އެންމެ މުއްސަނދި ފަތުރުވެރިންގެ ރާޑަރުގައި ރާއްޖޭގެ ނަން އިތުރަށް ގުގުމާލެވުނެވެ.
ހަމައެއާއެކު، ލަގްޒްރީ ބްރޭންޑްތަކާއި އެވޯޑް ބޮޑީތަކާއި، ނޫސް މަޖައްލާތަކާއެކު ޤާއިމްކުރެވުނު ގުޅުންތަކާއި އެއްބަސްވުންތަކުގެ އަލީގައި، ކޮންޑެނާސްޓް ޓްރެވެލަރ، ވޮންޑަލަސްޓް، ވޯގް، އަދި މިޗެލިން ޓޭޓިންގް ސިސްޓަމްގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރެވި، ދިވެހި ފަތުރުވެރިކަމުގެ ލާމަސީލު ޚިދުމަތްތެރިކަން ކާމިޔާބުކަމާއެކު އިހަށް ނުގެނެވޭ ފެންވަރެއްގައި ދައްކާލެވުނެވެ.
ކުރިއަށްއޮތް 2026 ވަނަ އަހަރު މިމަސައްކަތްތައް އިތުރަށް ފުޅާކޮށް އައު ޚިދުމަތްތަކާއި ކަންކަން މިހާރުވަނީ ރާވާ ތަންފީޒުކުރުމުގެ މަރުހަލާގައެވެ. އެގޮތުން އަންނަ އަހަރު ޕްރައިވެޓް ޖެޓް އޮޕަރޭޓްކުރުމުގެ ސްރެޓަޖީއެއް ރާވާ، ޕްރީމިއަމް ޖެޓް ކުންފުނިތަކާއި، އެފްބީއޯ އަދި ކޮންސިއަރޖް ޓްރެވަލް ވިއުގަތާއެކު މަސައްކަތްކޮށް މިލިޔަނަރުންނާއި މަލްޓި-މިލިޔަނަރުނަށް ރާއްޖެ އިސްތިހާރުކުރުމުގެ ޙާއްސަ ހަރަކާތްތަކެއް ހިންގޭނެއެވެ. މިއީ ވިޒިޓް މޯލްޑިވްސްއިން ހައި-ނެޓްވޯތު ފަތުރުވެރިކަމަށް އަމާޒުކޮށް ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ އެއް ބާބެވެ.