ގުދުރަތީ ކާރިސާތަކުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕީއެސްއެމްއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ގުދުރަތީ ކާރިސާތަކުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕީއެސްއެމްއާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ގުދުރަތީ ކާރިސާތަކުން ލިބެމުންދާ ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި، އާންމުން ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، އެންޑީއެމްއޭއާއި ޕީއެސްއެމްއާ ދެމެދު މި އެއްބަސްވުން ޤާއިމުކުރެވިފައިވަނީ ޤައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ ބޭނުމުގައެވެ.

މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިބް ޙިސާން ޙަސަން ވިދާޅުވީ، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި އާންމުންގެ ހޭލުންތެރިކަން ވަރަށް މުހިއްމު ކަމަށެވެ. އެހެންކަމުން ޕީއެސްއެމްއާއި ގުޅިގެން އެފަދަ މުހިއްމު މަޢުލޫމަތު ރައްޔިތުންނަށް ގެނެސްދިނުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޙިސާން އިތުރަށް ވިދާޅުވީ، "އެންމެ ފަހުން އަޅުގަނޑުމެން އާންމުކުރި ތަފާސްހިސާބަށް ބަލާއިރުވެސް ކާރިސާތަކުން އަރައިގަތުމަށް ކުރެވޭ ހޭދަވަނީ 67 އިންސައްތަ އިތުރުވެފައި. އެހެންކަމުން މިފަދަ ކަންކަމާއި ދެކޮޅަށް ކުރެވޭ އެންމެ މުހިއްމުކަމަކީ ދުރާލާ ރައްޔިތުން ހޭލުންތެރިކުރުވުން. އެކި ރަށްރަށުގައި އަޅުގަނޑުމެން ހިންގާ އެކި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕީއެސްއެމްއާއި ގުޅިގެން ގެނެސްދެވޭނެ." ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން، އެންޑީއެމްއޭއިން ރަށްރަށުގައި ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޕީއެސްއެމްގެ މީޑިއާތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އާންމުކުރެވޭނެއެވެ.

މިއަދު އޮންލައިން