މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، ތެލުގެ އަގު ހެޔޮކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، ތެލުގެ އަގު ހެޔޮކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ބޮޑުކޮށް، އެ ފަރާތްތަކަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

މި ބަދަލުތައް އިޢުލާންކުރެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިންނަށް އެކަށީގެންވާ ރަނގަޅު އަގެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މަސް ގަންނަ އުސޫލަށް ގެނެވުނު މައިގަނޑު ބަދަލަކީ، ކުރިން 16 ރުފިޔާ ލިބެމުންދިޔައީ ދޮޅު ކިލޯއިން މަތީ މަހަށް ކަމުގައި ވިޔަސް، މިހާރު 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށްވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެ ގޮތަށް ހަމަޖެހުމެވެ. މި ބަދަލު ގެނައުމުގެ ކުރިން މަސްވެރިކަމާ ބެހޭ ވުޒާރާއާއި މިފްކޯއާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

މިއަދުން ފެށިގެން މަސް ގަންނަ އަގުތައް ވަނީ ތަފާތު ކެޓަގަރީތަކަށް ބަހާލެވިފައެވެ. އައިސްއެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު، 15 ކިލޯއިން މަތީ ކަންނެލި ކިލޯއަކަށް 18 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކުގެ މަޤްސަދަކީ މަސްވެރިންނަށް އެމީހުންގެ މަސައްކަތުން ލިބޭ އާމްދަނީ އިތުރުކޮށްދިނުމެވެ.

މަސް ގަންނަ އަގު ބޮޑުކުރުމުގެ އިތުރުން، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުވެސް ވަނީ ހެޔޮކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރެއް 13.90 ރުފިޔާއަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސް ކިރާނަމަ، ލީޓަރެއް ވިއްކާނީ 13.72 ރުފިޔާއަށެވެ. މީގެ އިތުރުން، އާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮ ވިއްކާނީ ލީޓަރެއް 14.43 ރުފިޔާއަށެވެ.

މިއަދު އޮންލައިން