ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ މަސް ޕްރޮސެސިން ފެސިލިޓީން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ފެސިލިޓީގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ. މިފްކޯއިން ބުނެފައިވަނީ މި ފެސިލިޓީގެ ޚިދުމަތް ފެށުމަށްޓަކައި މިހާރު ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ފުވައްމުލަކުގެ މަސްވެރިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މިފްކޯއިން ހާމަކުރެއްވި ގޮތުގައި، ފުވައްމުލަކުގައި މަސް ޕްރޮސެސް ކުރާ މި ފެސިލިޓީ ޤާއިމްކޮށްފައިވަނީ އެރަށުގެ އައިސް ޕްލާންޓު ސަރަހައްދުގައެވެ. މި ފެސިލިޓީއަކީ ޞިއްޙީ ގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދިނުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދީގެން ޤާއިމްކޮށްފައިވާ ތަނެކެވެ. މިކަން ކަށަވަރުކުރުމަށްފަހު، މި ފެސިލިޓީ ހިންގުމަށް އެމްއެފްޑީއޭ (މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ) އިން މިހާރު ހުއްދަ ދީފައިވާ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
އެހެންކަމުން، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ފެސިލިޓީން ފުވައްމުލަކު މީހުންނަށް މަސް ގަނެ، ޕްރޮސެސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން މިފްކޯއިން ދެއްވައެވެ. މި ފެސިލިޓީ ހުޅުވުމަށް މިހާރު ތައްޔާރުވެފައިވާއިރު، މިފްކޯއިން މިހާރުވެސް ދަނީ ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަމުންނެވެ. މި ޕްރޮސެސިން ފެސިލިޓީގެ ޚިދުމަތް ފެށުމާއެކު، ސިޓީގެ މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.