އެޗްޑީސީއިން "އެސްޓޭޓް ސެކިއުރިޓީ ސަރވިސް"ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
އެޗްޑީސީއިން "އެސްޓޭޓް ސެކިއުރިޓީ ސަރވިސް"ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ތަޢާރަފުކޮށްފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކޯޕަރޭޝަންގެ ސެކިއުރިޓީގެ މަސައްކަތްތައް ހަރުދަނާކޮށް، ވަކި ޚާއްސަ ބްރޭންޑެއްގެ ދަށުން ފޯރުކޮށްދިނުމަށް، "އެސްޓޭޓް ސެކިއުރިޓީ ސަރވިސް"ގެ ނަމުގައި ޚާއްސަ ޚިދުމަތެއް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. މިއީ އެޗްޑީސީގެ ސެކިއުރިޓީގެ ދާއިރާއަށް ގެނެވުނު މުހިންމު ބަދަލެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ޢަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި، ސެކިއުރިޓީގެ ޚިދުމަތް އިފްތިތާހުކޮށް، މި ބްރޭންޑް އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމްޑީ ޒުހައިރަށް ވަނީ ޚާއްސަ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.

ބްރޭންޑް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ އެމްޑީ ޢަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލެއަކީ އާބާދީ ބޮޑުވަމުން އަންނަ ރަށަކަށް ވުމާއެކު، މި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ސެކިއުރިޓީ ރިފޯމްކުރުމުގެ މަސައްކަތުގެ ދަށުން، "އެސްޓޭޓް ސެކިއުރިޓީ ސަރވިސް"ގެ ނަމުގައި ވަކި ޚާއްސަ ބްރޭންޑެއް ތަޢާރަފުކޮށްފައިވާ ކަމަށް ޒުހައިރު ފާހަގަކުރެއްވިއެވެ.

އެމްޑީ ޒުހައިރު އިތުރަށް ވިދާޅުވީ، މި ބްރޭންޑް ތަޢާރަފުކުރުމަކީ ހުޅުމާލޭގެ ރައްޔިތުންނަށް އަމާން މުޖުތަމައެއްގައި ދިރިއުޅުމުގެ މަގު ފަހިކުރުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށާއި، މި ޚިދުމަތުގެ ސަބަބުން ހުޅުމާލޭގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މި ބްރޭންޑްގެ ދަށުން އެޗްޑީސީގެ ސެކިއުރިޓީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުޅި ސަރަޙައްދުގެ އަމަން ބެލެހެއްޓުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން