ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަނުން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ، މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު މިއަދު އެކުލަވާލައިފިއެވެ.
މި ބޯޑަކީ ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިންގ ކޮމިޓީގެ ސަބް ކޮމިޓީއެއްގެ ގޮތުގައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.
7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި ހިމެނެނީ އެންޑީއެމްއޭގެ އިތުރުން، ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، ސިއްހީ ވުޒާރާ، އަދި މާލީ ވުޒާރާއެވެ. މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި، ދިވެހި ސިފައިންނާއި، ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުންވެސް މި ބޯޑުގައި ހިމެނެއެވެ. މި ކޮމިޓީގެ ޗެއާރކަން ބަލަހައްޓާނީ އެންޑީއެމްއޭއިން ކަމަށްވާއިރު، ވައިސް ޗެއަރއަކީ ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއެވެ.
އެންޑީއެމްއޭއިން ހާމަކުރެއްވި ގޮތުގައި، މި ސުނާމީ ރެޑީ ބޯޑު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރުއާރުޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގުމާއި، އެ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުމެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ސުނާމީއަށް ތައްޔާރުވުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި ބޯޑުގެ މަސައްކަތުގެ ތެރޭގައި، ޔުނެސްކޯއިން ކަނޑައަޅާފައިވާ މިންގަނޑުތައް ރަށްތަކުން ފުރިހަމަ ކުރޭތޯ ޔަޤީންކުރުން ހިމެނެއެވެ. އަދި މި މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުމަކީވެސް މި ބޯޑުގެ މުހިންމު މަސްއޫލިއްޔަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ރައްކާތެރިކަން އިތުރުވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ސުނާމީއަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުވާނެއެވެ.