ފެލިވަރުގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ޖޫން މަހު ބޭނުންކުރަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފެލިވަރުގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ޖޫން މަހު ބޭނުންކުރަން ފަށަނީ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފެލިވަރުގައި ތަރައްޤީކުރަމުންދާ 4000 ޓަނުގެ ބިޔަ ކޯލްޑް ސްޓޯރޭޖް އަންނަ އަހަރުގެ ޖޫން މަހު ބޭނުންކުރަން ފަށާނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި މިފްކޯގެ އެކި ފެސިލިޓީތަކުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާއިރު، ފެލިވަރުގައި ތަރައްޤީކުރާ މި ފެސިލިޓީގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ އިތުރުން 200 ޓަނުގެ ބްރައިން ފްރީޒިންގ އަދި 80 ޓަނުގެ އާރް.އެސް.ޑަބްލިއު (ރީފްރިޖަރޭޓެޑް ސީ ވޯޓަރ) ސިސްޓަމް ވެސް ހިމެނެއެވެ. މި މަޝްރޫޢަކީ މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ، މަސް ގަތުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯއިން ވިދާޅުވީ މި މަޝްރޫޢުގެ 69 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރޫޢު އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ފެސިލިޓީގައި ޤާއިމުކުރަންޖެހޭ މެޝިނަރީޒް އިންސްޓޯލްކުރުމުގެ މަސައްކަތްތަކާއި، އެތަނަށް ބޭނުންވާ އިންޖީނުގޭގެ މަސައްކަތް އަދި ލޮނުފެން ގުޅުމުގެ މަސައްކަތްތައް ހިމެނޭކަމަށް މިފްކޯއިން ބުނެއެވެ. މި މަސައްކަތްތައް ނިމުމާއެކު ފެސިލިޓީ ބޭނުންކުރަން ފެށޭނެއެވެ.

މިފްކޯގެ އަމާޒަކީ މި ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށްފަހު އަންނަ ޖޫން މަހުގެ ތެރޭގައި މުޅި ފެސިލިޓީ އޮޕަރޭޝަނަށް ގެނައުންކަމަށް އެކުންފުނިން އިތުރަށް ވިދާޅުވިއެވެ.

މި ބޮޑު ކޯލްޑް ސްޓޯރޭޖާއެކު މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން