ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ނޮވެމްބަރު މަހު 4.9 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ނޮވެމްބަރު މަހު 4.9 މިލިޔަން ރުފިޔާ ދޫކޮށްފި

ފަޤީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިދިޔަ ނޮވެމްބަރު މަހު 4.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ދޭ މާލީ އެހީގެ ދަށުން ދޫކުރެވުނު ފައިސާއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ 2895 މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދީފައިވެއެވެ. މި އެހީގެ ދަށުން ޖުމުލަ 4940 ކުއްޖަކަށް މިދިޔަ މަހު ވަނީ މާލީ އެހީ ދޫކޮށްފައެވެ. އެއީ ޖުމުލަ 4،941،000 ރުފިޔާއެވެ.

މީގެ އިތުރުން، މި އެހީ ހޯދުމަށް އެދި 48 މީހަކު އަލަށް ރަޖިސްޓްރީކޮށްފައިވާއިރު، 96 ކުޑަކުދިންނަށް މިއެހީ ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންސްޕާއިން ކުރަމުންދާ މަސައްކަތުގެ މުހިންމުކަން ދައްކުވައިދޭ އަދަދުތަކެކެވެ.

ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ބެލެނިވެރިންނަށްވެސް ހުސްވި މަހު ވަނީ މާލީ އެހީ ދޫކޮށްފައެވެ. އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިފަދަ 100 ބެލެނިވެރިއަކަށް މާލީ އެހީ ލިބެއެވެ. އެއީ 136 ކުޑަކަކުދިން ބަލަހައްޓާ ބެލެނިވެރިންނެވެ. މި ބެލެނިވެރިންނަށް ޖުމުލަ 186،000 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި އެހީތެރިކަމުގެ ސަބަބުން މިފަދަ ކުދިންނަށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން