ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ތަމްރީނުތައް އަންނަ މަހުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށް، ދިފާޢީ ވުޒާރާއިން މިއަދު ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ މުހިންމު މަސައްކަތެކެވެ. އަމާޒަކީ ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިހާރު ދަނީ ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ 2 ވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ މަހުގެ ފަހުކޮޅު ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. ދެވަނަ ބުރުގައި ފުރުސަތު ދެވޭނީ، ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ކުރިމަތިލި ކުދިންގެ ތެރެއިން ނަންނޯޓު ކޮށްފައިވާ ތަރުތީބުން ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު އަދި މާލޭގެ އިތުރުން އދ. މަހިބަދޫ އަދި ފ. ނިލަންދޫގައި މި މަރުޙަލާ ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ތ. ވޭމަންޑޫ، ލ. ގަން، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި ސ. ހިތަދޫގައިވެސް ވަނީ ބައިވެރިން ހޮވުމުގެ މަސައްކަތް ނިންމާލާފައެވެ.
ދިފާޢީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ބައިވެރިން ހޮވުމުގެ މި މަރުޙަލާގައި ކުދިން ވަނީ އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައްވެސް ފުރިހަމަކޮށްފައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށްވެސް ޖުމްލަ 350 ބައިވެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.