ބޮޑުކަންނެލި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު، މިއަދު ދެއްވައިފިއެވެ. މިކަން ހާސިލުކުރުމަށް މަސްވެރިންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށާއި، މަސްވެރިންގެ ޝަކުވާތަކާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަަތުތައް ހިއްސާކުރެއްވުމަށް ބޮޑުކަންނެލި ނޫސްވެރިންގެ ޔޫނިއަނާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމުގައި ސަރުކާރަށް މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށެވެ.
ވަޒީރު ޝިޔާމު އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރާނީ މަސްވެރިންނާ ގާތުން ގުޅިގެން މައްސަލަތައް ހައްލުކުރުމަށް ކަމަށާއި، މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ މި މަސައްކަތުގައި ސަރުކާރަށް ލިބޭ އެންމެ ބޮޑު ފަސޭހަ ކަމަށެވެ. އެގޮތުން، އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ވަނީ މިފަދައިން ވިދާޅުވެފައެވެ:
"މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ފަސޭހަވެގެންދޭ އެއްބާރުލުން ލިބޭތީ. އާޚިރުގައި މީގެ އެންމެ ބޮޑު ނަފާއެއް ލިބޭނީ، މަސްވެރިންނަށް. ހުރިހާ ބޭފުޅުން އެއްކޮށް މަސައްކަތް ކޮށްގެން ކަންކަން ޙާސިލުވާނީ."
މި ސަރުކާރުން މަސްވެރިންނަށް އަޅައިލާނެ ކަމަށާއި، މަސްވެރިންގެ މަސްލަހަތުތައް ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، ބޮޑުކަންނެލީގެ މަސްވެރިން ސަރުކާރުން އެދޭ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރު ހުށަހެޅުއްވި ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ކަންކަން ކަމަށެވެ. އަދި އެ މެނިފެސްޓޯގެ ވައުދުތައް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ޝިޔާމު ވިދާޅުވިއެވެ.