ދިވެހި ފުލުހުންގެ 41 ވަނަ ޚިދުމަތުގެ އަސާސީ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރު ނުވަތަ ބެސްޓް އޯލްރައުންޑް ކަން ގއ. ގެމަނަފުށި، އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފް ހޯދައިފިއެވެ.
ފުލުހުންގެ ޚިދުމަތަށް އަލަށް ވަންނަ ފުލުހުންނަށް ދެވޭ މި އަސާސީ ތަމްރީން ކޯސް ފުރިހަމަކުރުމަށްފަހު އިމްޝާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.
ފުލުހުންގެ ފަރާތުން މިކަމާގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ، ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ކޯހުގެ ކޮމިޝަނަރުގެ އެކްސެލެންސް އެވޯޑާއި، އެންމެ މޮޅު ދަރިވަރުގެ މަގާމު ކޮންސްޓެބަލް އިމްޝާ ޢަބްދުއްލަތީފަށް ލިބުނުކަން ވަރަށް ފަޚުރުވެރިކަމާއެކު އިއުލާނުކުރާ ކަމަށެވެ. މިއީ ތަމްރީނުތަކުގައި އޭނާ ދެއްކި ހިތްވަރާއި، ފާހަގަކޮށްލެވޭ ރަނގަޅު ކުޅަދާނަކަމުގެ ސަބަބުން ލިބުނު ހައްޤު ކާމިޔާބީއެއް ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ކޮންސްޓެބަލް އިމްޝާ ޢަބްދުއްލަތީފަށް ހޫނު މަރުޙަބާއެއް ވެސް ފުލުހުން ވަނީ ދަންނަވާފައެވެ.
މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި، ގާނޫނީ މައުލޫމާތާއި، އަޚްލާޤީ ރިވެތި އުސޫލުތައް ދަސްކޮށްދިނުމަށް ހިންގާ ކޯހެކެވެ.
އިމްޝާ ޢަބްދުއްލަތީފްގެ މި ކާމިޔާބީއަކީ ފުލުހުންގެ ޚިދުމަތަށް އަލަށް ވަންނަ ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭނެ ކަމެކެވެ.