ސިނގިރެޓް ކޮންޓެއިނަރެއް ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. މި މައްސަލަ މީޑިއާތަކުގައި ފެންމަތިވީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ.
މި މައްސަލައަކީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓު ގެއްލިފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ. ސިނގިރޭޓުތަކުގެ އަގު ބޮޑުކަމުން މިއީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު މައްސަލައެކެވެ. މައްސަލައިގެ ތަހުގީގަށް ފަހު، ޖުމްލަ 12 މީހެއްގެ ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން މި މައްސަލައިގައި މަޝްހޫރު ދެ ވިޔަފާރިވެރިއަކު ހިމެނޭ ގޮތަށް ޖުމްލަ 09 މީހަކު ހައްޔަރުކުރިއެވެ. އެއީ މި އަމަލު ރާވައި ފަންޑު ކުރިކަމުގެ ތުހުމަތު ކުރެވޭ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ.
ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލްއާއި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މުއާޒު އަލީ ވެސް ހިމެނެއެވެ. ސިނގިރޭޓް ވައްކަމުގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު ފުލުހުން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.
އެހެންނަމަވެސް، މިހާރު ދައުވާ އުފުލާފައިވަނީ ފުލުހުން ފޮނުވި 11 މީހުންގެ ތެރެއިން 10 މީހެއްގެ މައްޗަށެވެ. މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާނެއެވެ.