އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްގެ ފަރާތުން ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް ކުރިއަށްގެންދާ މަޝްހޫރު 'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަން ރަސްމީކޮށް ފަށައިފިއެވެ. މިއީ ރޯދަމަހަށް ގެތަކަށް ބޭނުންވާ ކޮލިޓީ ހިފާ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ބައްލަވައިގަތުމަށް އާންމުންނަށް ލިބިގެންދާ އަގުހުރި ފުރުސަތެއްކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އަހުމަދު ޝަހީރުއެވެ.
'އެސްޓީއޯ ރަމަޒާން ބާޒާރު' ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ޑިޖިޓަލް ކޫޕަނެއް ލިބިގެންދާނެއެވެ. މި ކޫޕަންތައް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 1 ނަސީބުވެރި ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ޕްރޮމޯޝަން ނިމުމާއިއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 1 ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000ރ (އެއްލައްކަ ރުފިޔާ) ގެ ފައިސާގެ ބޮޑު އިނާމު ލިބިގެންދާނެއެވެ.
މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން ކުރިއަށްދާނީ މާލޭގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން، ވިލިމާލެ ފިހާރަ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރީޖަނަލްސްގެ 11 އައުޓްލެޓްގައެވެ. އެސްޓީއޯއިން ފާހަގަކުރާ ގޮތުގައި މި ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަބަޔެއްގެ ބޮޑު ތަރުހީބެއް ލިބެމުންދެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.