މިއަހަރުގެ ފުރަތަމަ 11 މަސް ދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ދެ ބިލިޔަނަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމެވެ. މި ޓެކުސް ނަގަނީ ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރ މަހާއި ހަމައަށް ގްރީން ޓެކުހުގެ ގޮތުގައި 2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 971 މިލިޔަން ރުފިޔާއެވެ. އެގޮތުން، މި އަހަރުގެ އާމްދަނީ ވަނީ 109.3 އިންސައްތަ އިތުރުވެފައެވެ. އަދި މި 2 ބިލިޔަން ރުފިޔާއަކީ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 6.9 އިންސައްތައެވެ.
ގްރީން ޓެކުހުން ލިބޭ އާމްދަނީ މިހާ ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2,114,710 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި ކުރިއެރުމަކީ ރާއްޖޭގެ ތިމާވެށީގެ މަޝްރޫޢުތަކަށް އިތުރު ފައިސާ ލިބި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަމެކެވެ.