މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދިޔަ ޔޫ އެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) ގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމާއި އިތުރު ތަމްރީންތައް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ޕްރޮގްރާމްތައް ހިންގާފައިވަނީ ޕޯޓުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށްޓަކައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ދިނުމުގެ މަޤްސަދުގައެވެ.
ރޭ މީރުމާގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިޔަފާރިއާއި އިޤްތިސާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލް އާއި އަންކްޓަޑް ގުޅިގެން ހިންގި މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނާއި، ސެޓްފިކެޓް އިން ޕޯޓް އޮޕަރޭޝަންސް ކޯސް ފުރިހަމަކުރި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރު އެމްޕީއެލްއިން ހިންގި އިންޓާރންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށްވެސް ސެޓްފިކެޓް ދެވުނެވެ.
އަންކްޓަޑްގެ މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް ރާއްޖޭގައި އަލުން ފެށީ ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު 2024 ވަނަ އަހަރުގެ ތެރޭގައެވެ. 18 މަސް ދުވަހަށް ކުރިޔަށްގެންދިޔަ މި ޕްރޮގްރާމް ޖުމްލަ 18 ފަރާތަކުން ފުރިހަމަކޮށްފައިވާއިރު، މީގެ ތެރެއިން 17 ފަރާތަކީ އެމްޕީއެލްގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އަދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މުވައްޒަފެއްވެސް މި ޕްރޮގްރާމް ފުރިހަމަ ކުރިއެވެ. ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އަންކްޓަޑްގެ ޗީފް އޮފް ދަ ހިއުމަން ރިސޯސް، މާކް އަސަފްއެވެ.
މި ޕްރޮގްރާމްގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި އެވޯޑުތައް ހިމެނެއެވެ. ބެސްޓް ޑެސަޓޭޝަން އެވޯޑް ލިބުނީ އެމްޕީއެލްގެ އެސިސްޓެންޓް ޕްލޭނަރ ޙުސައިން ޖައުފަރަށެވެ. އަދި އެންމެ މޮޅު ބައިވެރިޔާގެ މަޤާމު ކަމަށްވާ ބެސްޓް އޯލް ރައުންޑްގެ އެވޯޑް ލިބުނީ އެމްޕީއެލްގެ އެސިސްޓެންޓް މެނޭޖަރ، ހައިސަމް ސަޢީދަށެވެ.
ބެސްޓް އޯލް ރައުންޑްގެ އެވޯޑާއެކު ހައިސަމް ސަޢީދަށް ވަނީ ސްވިޑަންގެ ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ އިން މާސްޓާސް ޑިގްރީ ސްކޮލަރޝިޕެއްވެސް ލިބިފައެވެ. މި ދެ އެވޯޑާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން، ވަޒީރު މުޙައްމަދު ސަޢީދެވެ. އެމްޕީއެލްއިން މިފަދަ ތަމްރީންތަކަށް އިސްކަންދިނުމަކީ ޕޯޓްގެ މަސައްކަތްތައް ޒަމާނީ ފެންވަރަކަށް ގެނެސް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާނެ ބޮޑު އެހީއެކެވެ.