އަންނަ ބުދަ ދުވަހު ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރައްވާއިރު ޚާއްސަކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަންނަ ބުދަ ދުވަހު ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރައްވާއިރު ޚާއްސަކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖައްސަވާފައިވާ ބައްދަލުވުން، އަންނަ ބުދަ ދުވަހުގެ ރޭ ޚާއްސަކުރައްވާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 20:30 ގައި މާލޭ ސޯޝަލް ސެންޓަރުގައެވެ.

މި ބައްދަލުވުމަކީ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާ ސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުން ވަކި ފަންތިތަކުގެ ވިޔަފާރިވެރިންނަށް ޚާއްސަކުރާކަން މީގެ ކުރިން ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، މިހާރު ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބުދަ ދުވަހުގެ ރޭ އޮންނަ ބައްދަލުވުން ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެންކަމުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަންދެއްވާނެކަމަށް ބަޔާންކޮށްފައެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ އެ ސެކްޓަރަށް ދިމާވާ ގޮންޖެހުންތަކާއި، ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ސީދާ މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން