ނިޔާވި ސްޓެލްކޯގެ މުވައްޒިފް އަޙްމަދު އަޒްމީލްގެ ކަށު ނަމާދު މިރޭ ޢިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ނިޔާވި ސްޓެލްކޯގެ މުވައްޒިފް އަޙްމަދު އަޒްމީލްގެ ކަށު ނަމާދު މިރޭ ޢިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި

ސްޓެލްކޯގެ ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ނިޔާވި އަޙްމަދު އަޒްމީލްގެ ކަށު ނަމާދު މިރޭ ޢިޝާ ނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ކަށު ނަމާދު އޮންނާނީ ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

ޢުމުރުން 42 އަހަރުގެ އަޙްމަދު އަޒްމީލް ނިޔާވީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެންނެވެ. މި ޙާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ. އޭނާއަށް އިތުރު ފަރުވާ ދެމުންދަނިކޮށް ނިޔާވީ މިމަހުގެ 11 ވަނަ ދުވަހު ތައިލެންޑުގެ ހޮސްޕިޓަލެއްގައެވެ.

އަޒްމީލްގެ ހަށިގަނޑު އޭނާގެ ޢާއިލާގެ އެދުމުގެ މަތިން މާލެ ގެނެސްފައިވާއިރު، ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ޢިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ. މިކަމަށްޓަކައި ޢާއިލާއާއި އަދި ސްޓެލްކޯއިން ވެސް ވަނީ ތައްޔާރީތައް ވެފައެވެ.

ސްޓެލްކޯއިން ވަނީ، މި ހިތާމަވެރި ވަގުތުގައި އަޙްމަދު އަޒްމީލްގެ ކަށު ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް އެދި އިޢުލާނުކޮށްފައެވެ. އަޒްމީލްގެ ނިޔާވުމަކީ ސްޓެލްކޯއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން