ހައުސިންގ ސްކީމްތަކުން އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތްތަކަށްވެސް، މީގެފަހުން ހައުސިންގ ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ހާމަކުރައްވައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ އެފަދަ ފަރާތްތަކަށް ދިރިއުޅުމުގެ ޖާގަ ބޮޑުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ ގަލޮޅު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މީގެކުރިން ހައުސިންގ ސްކީމްތަކުގެ އުސޫލު އޮންނަ ގޮތުން، އެއް ކޮޓަރީގެ އެޕާޓްމަންޓެއް ލިބިފައިވާ ފަރާތަކަށް އިތުރު ސްކީމަކަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވެއެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ދިރިއުޅެން ދަތިވުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއްކަމަށްވާތީ، ރައްޔިތުންގެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް މި ބަދަލު ގެނެސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ބަލައިގަނެ އެ ބަދަލު ގެނެސްދެވިފައިވާ ކަމަށާއި، މިހާރު އެފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ބަދަލުގެ މުހިންމު ނުކުތާއަކީ، އެއް ކޮޓަރީގެ އެޕާޓްމަންޓް ލިބިފައިވާ ފަރާތެއް އާ ސްކީމަކުން ހޮވިއްޖެނަމަ، ކުރިން ލިބުނު އެޕާޓްމަންޓް ދޫކޮށްލަން ޖެހުމެވެ.
"3 ކޮޓަރި ފްލެޓަށް ދެވޭގޮތަށް އެ އުސޫލު އެވަނީ މިގޮތަށް ބޭއްވުނު ބައްދަލުވުން ތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ޚިޔާލު ބަލައިގަނެވި އެބަދަލު ގެނެސްދީފައި، އެއްކޮޓަރީގެ ފްލެޓު ލިބިގެން ތަންކޮޅެއް ކުރީ ޒަމާނެއްގައި ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެ. ކުރިމަތިލައި ހޮވިއްޖިއްޔާ އެތަން ދޫކޮށްލާފައި ލިބޭ ތަނަށް ދެވޭ ގޮތަށް އެވަނީ އުސޫލަށް އިސްލާހު ގެނެވިފައި." ރައީސް ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން، ކުރީގެ ހައުސިންގ ސްކީމްތަކުން ލިބުނު އެޕާޓްމަންޓްތަކުގެ ޖާގައިގެ ދަތިކަން ތަހައްމަލުކުރަމުންދާ އެތައް އާއިލާއަކަށް، އެމީހުންގެ ދިރިއުޅުމުގެ ޙާލަތަށް އެކަށޭނެ ޖާގައެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.
ސަރުކާރުން މި ގެނައި އިސްލާޙަކީ އާންމުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހައުސިންގގެ ދާއިރާއިން ގެނެވުނު މުހިންމު ބަދަލެއްކަން ފާހަގަކޮށްލެވެއެވެ.