ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. މި ނިންމުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ މުޢާޙަދާތަކާ ޚިލާފު ޢަމަލެއްކަމަށް ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވަނީ، ހިފާފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގަމުންދާ އެކި ލާއިންސާނީ ޢަމަލުތައް ވަރަށް ހަރުކަށި ބަހުން ކުށްވެރިކުރައްވާފައެވެ. މި ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ހަމަތަކާ ޚިލާފު ޢަމަލުތަކެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.

އަދި އިސްރާއީލުގެ މިފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އިންސާފު ޤާއިމުކުރުމަށާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅި، ދެ ދައުލަތް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ސުލްޙަވެރި ހައްލަކަށް ވާސިލްވުމަށް އޮތް ފުރުސަތު ބަންދުވެގެންދާކަމަށް ސަރުކާރުން ދެކެއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައިވަނީ ޤާނޫނީ އަދި އިންސާނީ ހަމަތަކާއި ޒިންމާ އަދާކުރުމަށް އަދި އިންސާފަށް މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އެގޮތުން އިސްރާއީލުން ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ވަކިން ޚާއްޞަކޮށް ގޮވާލައްވާފައެވެ. އިސްރާއީލުގެ ކެބިނެޓުން ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށް ސަރުކާރުން ވަނީ އަލުން ވިދާޅުވެފައެވެ.

ސަރުކާރުގެ ބަޔާނުގެ ނިންމުމުގައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބި ތިބުން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހީން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއީ ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ އެއްބާރުލުމާއި ތާއީދު އިތުރަށް ހާމަކޮށްދޭ ކަމެކެވެ.

މިއަދު އޮންލައިން