އަހުރެންގެ އެކުވެރިއަކަށް ދިމާވި ކަމެއްގެ ވާހަކަ ކިޔައިދޭނަމެވެ.
އޭނާގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ނަމަވެސް އޭނާގެ ހިތެއް ނުފުރެއެވެ. އަބަދުވެސް ލޯބިވެރިއަކު ގެންގުޅެއެވެ. ވަރަށް ނަޞީޙަތް ދިނީމެވެ. ނަމަވެސް އޭނާ އެއްވެސް ވަރަކަށް ޤަބޫލެއް ނުކުރެއެވެ. ހަދަނީ ދޮގެވެ. ބުނަނީ އެއީ އެކުވެރިން ކަމަށެވެ.
އެއްރޭ ފިރިމީހާއަށް ގެއަށް ދެވުނުއިރު އެތެރެއިން ދެމީހަކު ވާހަކަދައްކާއަޑު އިވޭތީ އަޑުއަހަން އިރުކޮޅަކު މަޑުކޮށްލާފައި ފިރިމީހާ ގުޅީ ފުލުހުންނަށެވެ. ފުލުހުން ގެނެސްފައި ވެގެން އުޅޭ ގޮތް ކިޔައިދީފައި އަނބިމީހާ ބުނާ އެއްޗެއް އޮޅުން ފިލުވަން ސުވާލުކޮށްލަން އެދުނެވެ. އެކަމަށް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނުމުން ދޮރުހުޅުވާފައި ވަނީ ފުލުހުންނާއިއެކުގައެވެ.
ދެމީހުން ދިއައީ ސިއްސައިގެންނެވެ. ފިރިމީހާ ބުންޏެވެ. މިގެއިން ވަރަށް ގިނަ އެއްޗެތި ގެއްލިއްޖެއެވެ. މިދިއަ ހަފްތާގައިވެސް އެޕްލް އެންމެ ފަހުގެ ފޯނެއްވެސް ގެއްލުނެވެ. ހީވަނީ އަނބިމީހާ މިރޭ ވަގުކަލޭގެ އަތުލައިގަނެގެން ހިފެހެއްޓީ ކަމަށެވެ. ތަޙްޤީޤް ކުރިއަށް ގެންދަވާށެވެ!"
ފުރުޞަތުގެ ބޭނުން ހިފައި އަނބިމީހާ ބުންޏެވެ. "އަޅުގަނޑުގެ ބައެއް ގަހަނާތައްވެސް ވަނީ ގެއްލިފައެވެ. ބަދިގޭގައި ކައްކަން ހުއްޓާ މީހަކު ގޭގައި އުޅޭހެން ހީވެގެން ބަލައިލިއިރު މީނާ ހުރީއެތެރޭގައެވެ."
ފުލުހުން ސުވާލުތައް ކޮށްނިންމާލާފައި ބުންޏެވެ. "ތަޅުލާފައި ހުރިގެއަކަށް މީނާއަށް ވަދެވި އަދި އެތެރެއިން ތަޅުލާފައި މިހުރީ މީނާގެ އަތުގައި ޑަބަލް ތަޅުދަނޑިއެއް އޮންނާތީތާއެވެ. ބޮޑަށް ބެލެވެނީ މިއީ އަނބިމީހާ ވަގަށް ނަގަން ވަދެހުރި މީހެއް ކަމަށެވެ. އަޅުގަނޑުމެން މީނާ ގެންގޮސް ބަޔާނެއް ނަގާނަމެވެ. އަނބިކަނބަލުންގެ ބަޔާން ނަގަން މާދަމާގެ ގަޑިއެއްގައި އަންނާނަމެވެ."
ފުލުހުން ޢޭނާ ގޮވައިގެން ދިއުމުން މިކަމުން ސަލާމަތް ނުވެވޭނެކަން އަނބިމީހާއަށް ވިސްނި ކުށަށް އިޢުތިރާފްވެ މާފަށް އެދުނެވެ. ފިރިމީހާގެ ޖަވާބަކަށްވީ "ދިރިއުޅެން ކުރާ މަސައްކަތް ހުއްޓާލާފައި ވަގުންނަށް ފާރަލާނެ ވަޤުތެއް ނެތެވެ. ވީމާ ހެނދުނު އަހުރެން އޮފީހަށް ދިއުމުން މިގެއިން ދާށެވެ! 2 ދަރިން ބައިތިއްބާށެވެ! އަހުރެންގެ ދެދަރިންނަކީ ވަގުންގެ ގޮތުގައި ތަރުބިއްޔަތުކުރާކަށް ބޭނުމެއް މޫނެވެ. ދެދަރިން ބެލޭނެ ގޮތް އަހުރެން ހޯދާނަމެވެ."
ފިރިމީހާ އޭނާގެ މަންމަ ގެއަށް ގެނުވައި ދަރިން ބަލަން ފެށީއެވެ. މަންމް ގެނުވި ނަމަވެސް މަސައްކަތްކުރުވީ ނޯކަރުން ލައްވައެވެ. 3 މަސްވީއިރު ހުރީ 2 އަނބިން ހަމަކޮށްގެންނެވެ. ތަނަވަސްކަން ހުރެފައި ދީލަތިކަމާ ރިވެތި އަޚްލާޤެއްގެ މަތީގައި ދިރިއުޅޭނަމަ މިހާރު 4 އަނބިން ހަމަކުރުމަކީވެސް އެއްވެސް އުނދަގޫކަމެއް ނޫނެއް ނޫންތޯއެވެ؟
އަޅުގަނޑުގެ އެކުވެރިޔާއަށް ބައިވެރިއަކު ލިބުނީ 3 އަހަރު ފަހުންނެވެ. ލިބުނީވެސް ޢުމުރުން ދުވަސްވީ ފިރިހެނެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ހެޔޮލަފާ ފިރިއަކު ލިބުމުންވެސް ޝުކުރުވެރިނުވެވީ ނުބައި މަގުންދެވޭ އަންހެނުންނަށް ނަބީޙަތެއްގެ ގޮތުންނެވެ.
- ރަމްލާ / މިއަދުނޫހުގެ ކިޔުންތެރިއެއް