އަހުރެންވެސް ކައިވެންޏެއް ކުރީމެވެ. މިބުނަނީ އަލަތު ކައިވެނީގެ ވާހަކައެވެ. ކައިވެނީގެ 3 ވަނަ އަހަރު ވަރަށް ލޯބިލޯބި އަންހެން ދަރިއަކު ލިބުނެވެ. އެދަރިފުޅަށް 10 މަހުގައި ފިރިމީހާ ބުނީ އެގެއަށްވުރެ ރަނގަޅު ގެއެއް ކުޑަކުއްޖަކަށް ލިބިއްޖެކަމަށާއި މާދަމާ ނަދަލުވާނެ ކަމަށެވެ.
ޖެހިގެން އައިދުވަހު ހެނދުނު 3 މީހުންގެ އެއްޗެތި މަގުމައްޗަށް ނެރުނު ތަނުން ކާރެއް އައިސް މަޑުކުރިއެވެ. ކާރުގެ ޑިކީއަށް ފުރަތަމަ އެރުވީ އޭނާގެ އެއްޗެއްސެވެ. އެރުވުމަށްފަހު ކާރަށް އަރަމުން ބުނީ އޭނާ އަހުރެންނާއި ވަކިވީ ކަމަށާއި އަހުރެން ދާން ބޭނުން ތަނަކަށް ދިއުމުގެ އިޚްތިޔާރު އެބައޮތް ކަމަށެވެ. އަހުރެންގެ ޖަވާބަކަށްވެސް އިންތިޒާރެއް ނުކުރެއެވެ. އެންމެ ކުޑަމިނުން ދަރިފުޅަށްވެސް ބަލައިނުލައެވެ. އޭނާ އެރީ ކުރީ ސީޓަށެވެ. ކާރު ދުއްވަން އިނީ އަންހެނެކެވެ. އެހެންކަމުން އެއީ ދެލޯބިވެރިންކަން ވިސްނުނެވެ.
ކާރާއި ދިމާއަށް ހިނގައިގަތްތަނާހެން ކާރުދުއްވާލައިފިއެވެ. އަހުރެން ދަރިފުޅު ގޮވައިގެންގޮސް ވަންނާނެ ތަނެއް ނެތެވެ. ދަރިފުޅު ގެންގުޅެމުން ވަޒީފާއަކަށްވެސް ނުދެވޭނެއެވެ. ހިތުގައި ސުވާލު އުފެދުނެވެ. ދެން ޖެހޭނީ މަގުމަތީގައި ސަލާންޖަހަން އުޅެންތާއެވެ. އަވަސް އަވަހަށް ދެއަތް އުފުލައި ދުޢާކުރީމެވެ. "ޔާ ﷲ! މިއަޅާގެ ދަރިފުޅާއި މިއަޅާ ނިކަމެތި ނުކުރައްވަވާނދޭވެ!"
3 ފަހަރު ދުޢާކޮށްފައި އަތްތިރިކޮށްލިތަނުން ޒުވާން ފިރިހެނަކު އައިސް ސުވާލުކުރިއެވެ. "މެޑަމްއެވެ. ގޭގެ ތަޅުދަނޑިތައް ކޮބައިހެއްޔެވެ؟ ފާއިތުވި 3 މަހުގެ ކުލީގެ ފައިސާ ދައްކަނީ ކިހިނަކުން ހެއްޔެވެ؟ ފިރިމީހާ ކޮބައިހެއްޔެވެ؟"
އަހުރެން ވަރަށް ދެރަވެ ރޮއި ކަރުނައަޅަމުން ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. ތަޅުދަނޑިފަތި ވީތަނެއް ނުއެނގޭކަމަށާއި އެދިއައީ ހިފައިގެންކަމަށްވެދާނެކަމަށްވެސް ބުނީމެވެ.
އެޒުވާނާ ގޮސް ގޭގެ ދޮރުހުޅުވަން ބެލިއިރު ހުރީ ތަޅު ނުލައެވެ. ދޮރުހުޅުވާލާފައި އައިސް އަހުރެމެން ދެމައިންގެ އެއްޗެތި ގެއަށް ވެއްދިއެވެ. އަދި ގެއަށް ވަންނަން ބުންޏެވެ. ފުރަތަމަ ބިރުގަތެވެ. ހީކުރެވުނީ ކުލި ނުދައްކާތީ ރަހީނުކުރަނީ ކަމަށެވެ. ނަމަވެސް ސުވާލެއް ނުކުރަމެވެ. ގެއަށްވަނީއެވެ. އެއީ ދަރިފުޅު ގޮވައިގެން އަވީގައި ނުހުންނަންވެގެންނެވެ.
ގެއަށް ވަނުމުން ދޮރުލައްޕެމުން ވަކިން ބޮޑަށް ބިރުގަތެވެ. ކުރަން އުޅޭކަމެއް ނުއެނގޭތީއެވެ. އެއުޅެނީ ޢިއްފަތްތެރިކަމަށް އަރައިގަންނަން ކަމަށްވެސް ވިސްނުނެވެ. އެހެންވެ އަނެއްކާވެސް ދެއަތް އުފުލައި ދުޢާކުރީމެވެ. ހަމަ ކުރިންވެސް ކުރި ދުޢާއެވެ. "ޔާ ﷲ! މިއަޅާގެ ދަރިފުޅާއި މިއަޅާ ނިކަމެތި ނުކުރައްވަވާނދޭވެ!" އަދި އިތުރަށް ދެންނެވީމެވެ. "ޔާ ﷲ! މިއަޅާ ޢިއްފަތްތެރިކުރައްވަވާނދޭވެ! އިނބަ ﷲ ގެ ރައްކައިތެރިކަން މިއަޅާއަށް ދެއްވަވާނދޭވެ!"
ދުޢާކުރީ އެޒުވާނާއަށް އަޑުއިވޭނެވަރަށެވެ! ރޮއި ކަރުނައަޅަމުންނެވެ! ޒުވާނާ ބުންޏެވެ. "ކަންބޮޑުނުވާށެވެ! އަހުރެންނަކީ ނުބައި މީހަކީމެއް ނޫނެވެ. މިއީ އަހުރެންގެ މަންމަގެ ގެއެކެވެ. އަހުރެން ތިބާ މިގެއަށް ވެއްދީ ތިބާއަށް ރައްކައުތެރިކަން ދޭށެވެ! އަހުރެންގެ ޙިމާޔަތާއި ރައްކައުތެރިކަމުގައި މިގޭގައި އިންނާށެވެ! އެއްވެސް ކަމަކަށް ދަތްޗެއް ނުވާނެއެވެ. ހަމައެކަނި އެންމެ ކަމެއް ކޮށްލައިދޭށެވެ! އަހުރެންގެ ދޮށީ ދައްތަ މާދަމާ ހޮސްޕިޓަލުން ދޫކޮށްލީމާ މިގެއަށް ގެންނާނަމެވެ. އޭނާ އިންނާނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެކަމަކު އެއީ އެހެން ގޮތަކުން ބަލިމީހެއް ނޫނެވެ. ދައްތަ ބަލއިދޭށެވެ. ބޭނުންނަމަ އުޖޫރައެއްވެސް ދީފާނަމެވެ. ދައްތަ ހޮސްޕިޓަލުގައި އެއޮތީ ފިރިމީހާ އޭނާ ވަރިކޮށްލީމާ ވީދެރައިން ކުރިމަތިވި ކަންކަމުގައެވެ. ދައްތަ އެކައިވެނިކުރީ މަންމައާއި ދެކޮޅަށެވެ. އެހެންވެ މަންމަގެ ގާތަށްދާން ބޭނުން ނުވަނީއެވެ."
އަހުރެން ރުހި ޤަބޫލުވީމެވެ. އުޖޫރައަކަށް ފައިސާ ބޭނުން ނޫން ކަމަށާއި ދެމައިންގެ ކަންކަން ކޮށްލައިދިނުމުން ނިމުނީކަމަށް ބުނީމެވެ.
އޭނާގެ ދައްތަވީ ވަރަށް ރަނގަޅު އަންހެނަކަށެވެ. އަހުރެންގެ ދަރިފުޅު ބަލައިދޭން ޙަވާލުވެ ވަޒީފާއަކަށް ފޮނުވައިދޭން ފެށިއެވެ. އެހިސާބުން ރަނގަޅު މުސާރައެއް ލިބި ފުދިގެން އުޅެވެން ފަށައިފިއެވެ. ދެއަންހެނުންނަކީވެސް އެއްޙާލެއްގައި ޖެހިފައި ތިބި ބައަކަށްވުމުން ދެއަންހެނުންގެ މެދުގައި އައީ ގާތްކަން ބޮޑުވަމުންނެވެ.
އަހުރެންނާއިއެކު މަސައްކަތްކުރާ ވަރަށް ހިތްހެޔޮ ޒުވާނަކަށް ވިސްނައިދީގެން އެޚުތާއި ގުޅުން އުފެއްދުވީމެވެ. ދެމީހުންގެ ކައިވެނިވެސް ކުރެވުނެވެ. އެހިސާބުން ގޭގައި އުޅެމުން އައީ 3 މީހުންނެވެ.
ދުވަސްކޮޅެއް ފަހެވެ. އުޚުތާގެ ކޮއްކޮ ގެއަށް އައިސް އުޅުނު ދުވަހެކެވެ. ހަވީރު ސައިބޮއިގެން 4 މީހުން އެކުގައި ތިބެފައި އުޚުތާ ބުންޏެވެ. "މިއީ މިހާރުވެސް 4 ބައިވެރިންނެވެ! ކޮއްކޯއެވެ! އިތުރަށް ފުރިހަމަކޮށްލަން އޮތްބައި ފުރިހަމަކޮށްލަމާ ހިނގާށެވެ! އެއިރުން މިގޭތެރެ ހާދަ އުފާވެރިވާނެއެވެ!"
އެހެން ބުނުމުން އެބުނި އެއްޗެއް ވިސްނި ލަދު ގަތެވެ. ނަމަވެސް އެކުވެރިކަން ބޮޑުކަމުން ލަދުގަތް ކަމަކަށް ނުހެދެމެވެ. ބުނީމެވެ. "ބަލަ ތިއަ ހުންނަނީ ދައްތަ ވިޔަސް ބުނަންވާނެ ވާހަކަ ހެއްޔެވެ؟ ކޮއްކޮއަކީ އަލަސް ހުރި ޒުވާނެކެވެ. މިއީ ބައު އޮޑިއެކެވެ."
އެހެން ބުނާއިރަށް އުޚުތާ ބުންޏެވެ. "އައު ބައު ކިޔުމުގެ ބޭނުމެއް ނެތެވެ. ކޮއްކޮއަށް މިވާހަކަ ބުނަން ނުކެރިގެން ހުންނަތާ ކިތަންމެ ދުވަހެކެވެ. އެހެންވީމާ މިއީ ދައްތަގެ އަނގައިން ކޮއްކޮ ބުނުވި ވާހަކައެކެވެ. ކޮއްކޮ ބުނީ އެދުވަހު ދިން ޙިމާޔަތާއި ރައްކައުތެރިކަން ޢުމުރަށް ދަމަހައްޓަން ބޭނުންވާ ކަމަށެވެ." ޖަވާބުގައި ބުނީމެވެ. "އެހެންކަމަށްވާނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ބައު އޮޑިއެއްކަން އެނގުހުރެ އޮޑިއަށް އަރަންވީ ގޮތަށް އަރައި އަވަހަށް ދަތުރުފަށަންވީއެވެ. އޮޑި ބައުވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެކަން ދައްކައިދޭނަމެވެ."
ހަފްތާއެއްހައި ދުވަސްތެރޭ ކައިވެނިކުރެވުނެވެ. ކައިވެނިކޮށްގެން އަހުރެން އެހެން ގެއަކަށް ގެންދަން އުޅުމުން އުޚުތާ އެކަމަށް ހުރަސް އެޅިއެވެ. ބުނީ ދެއަންހެނުން ވަކިނުކުރެވޭނެ ކަމަށެވެ. ގުޅުން މާބޮޑަށް ބަދަހިވެއްޖެ ކަމަށެވެ.
ކައިވެންޏަށް 2 އަހަރު ފުރުނުތަނާ ދަރިއަކު ލިބުނެވެ. ދެދަރިންގެވެސް އުފަން ދުވަސް އެއް ދުވަހެކެވެ. ދެވަނަ ދަރިފުޅަށް އަހަރުވެގެންނާއިއެކު 2 ދަރިންގެ ޕާޓީ ބާއްވައިގެން އުޅެނިކޮށް ކުރީގެ ފިރިމީހާ އައެވެ. ނަމަވެސް ގެއަކަށް ނުވައްދަމެވެ. ޚުލާޞާކޮށް އަހުރެންގެ ޙަޔާތް ކިޔާލަދީފައި ބުނީމެވެ. "މިއުފާވެރި ޙަފްލާ ހަލާކުކުރަން ގެއަށް ވަންނަން ނުއުޅޭށެވެ. ދަރިފުޅާ ބައްދަލުކުރަން އެހެން ދުވަހަކު އަންނާށެވެ!" އެހެން ބުނުމުން ހިނގައިގަތީ ލޮލުން ކަރުނަ ފުހެމުންނެވެ. އެކަމަކަށް އަޅައެއް ނުލަމެވެ.
ދުނިޔޭގެ ހުރިހާ މުސްލިމް އަންހެނުންނަށް ބުނެލަން ބޭނުމީ މާތް ﷲ އަށް ތެދވެރިވާށެވެ! ކޮންމެ ޙާލަތެއް ކުރިމަތިވިޔަސް ވާގިއެދި ދުޢާކުރާށެވެ! އުފާވެރިކަން ދެއްވަވާނެތެވެ! އަހުރެންނަށް އެކަން މިވަނީ ތަޖުރިބާކުރެވިފައެވެ.
- ޔުމްނު- އޭނާގެ ފޭސްބުކްގައި ލިޔެފައިވާ ވާހަކައެއް
- މިއަދުނޫސް