މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނަށް ޚާއްސަކޮށް މިރޭ ބޭއްވި ބައްދަލުވުމެއް ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ކުދި އަދި މެދު ފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރީން ބައިވެރިވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރީންގެ ކަންބޮޑުވުމެއް، ޚިޔާލެއް ނުވަތަ މަޝްވަރާއެއް އޮތް ނަމަވެސް އެކަން ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތައް ވެގެންދާނީ އެމަނިކުފާނަށް ވަރަށް އަގުހުރި ވާހަކަތަކަކަށް ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާ ގޮތް ހާމަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިއެވެ: "ސަރުކާރުން މަަސައްކަތް ކުރައްވަމުން މި ގެންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިތައް ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް ބަައްޓަންކޮށްގެން ކުރިއަށް ގެންދަން،"
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވިޔަފާރިވެރީންގެ ހިޔާލާއި މަޝްވަރާ ހޯދުމާއި، އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމެވެ. ރައީސްގެ މި ވާހަކަފުޅުން ދޭހަވަނީ، އިޤްތިޞާދީ ކުރިއެރުމަށްޓަކައި ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމެވެ.