ދިވެހި ފުލުހުންގެ ޚިދުމަތުން މިރެއިން ފެށިގެން ކޮންމެ ރެއަކު މަގުމަތީގައި އުޅޭ ބިދޭސީން ބަލައިފާސްކުރުމުގެ ޚާއްސަ މަސައްކަތެއް ފަށައިފިއެވެ. މި މަސައްކަތަކީ ރޭގަނޑު ދަންވަރުގެ ވަގުތުތަކުގައި ބިދޭސީންގެ ފަރާތުން ދިމާވާ ކަމަށް ރައްޔިތުން ފާހަގަކުރާ އުނދަގޫތަކާއި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ކޮންމެ ރެއެއްގެ 00:00 އިން ހެނދުނު 06:00 އަށެވެ. މި މަސައްކަތް މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެއެވެ. މި މަސައްކަތުގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި މައުލޫމާތު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚާއްސަ ސަމާލުކަމެއް ދޭނީ މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބެލުމަށެވެ. އެގޮތުން އެ މީހުން ރާއްޖޭގައި ދިރިއުޅެނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާއިމެދު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް، އެފަދަ މީހުން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރެވޭނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދުތަކަށް ބޯލަނބައިގެން ބިދޭސީން ދިރިއުޅޭ މާހައުލެއް ޤާއިމުކުރުމެވެ.
މިފަދަ މަސައްކަތެއް ފެށުމަށް ނިންމާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގައި، ދަންވަރު ބިދޭސީންގެ ފަރާތުން ދިމާވާ އުދަގޫތައް ބައެއް ރައްޔިތުން ފާހަގަކުރުމާ ގުޅިގެންނެވެ. އެގޮތުން ބިދޭސީން މަގުމަތީ އަޑުގަދަކުރުމާއި ގުރޫޕު ހަދައިގެން އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް ހިންގަމުންދާ ކަމުގެ ޝަކުވާތައް ވަނީ ހުށަހަޅާފައެވެ.
މިކަންކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރޭގަނޑު ދަންވަރު ވަގުތުތަކުގައި ރަށު ތެރޭގައި އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކޮށް، އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އުޅެމުންދާ" ކަމަށެވެ. މި އޮޕަރޭޝަނަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.