އަހުރެންވެސް ކައިވެނިކުރީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އެކުގައި 3 އަހަރު ހޭދަކުރި ލޯބިވެރިޔާ އަހުރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެކަމުގެ ފޮނި އުންމީދުތަކާއިއެކުގައެވެ. އެހެންވެ ކައިވެންޏަށްފަހު ފިރިމީހާއަށް ވިސްނައިދީގެން އަމިއްލަ މަސައްކަތެއް ފެށްޓުވީމެވެ. އެ ަމސައްކަތުގައި އަހުރެން ޢަމަލީ ގޮތުން ބައިވެރިވީމެވެ. މަސައްކަތާއިގެން ކުރިއަށްދާން ކުރަންވީ ކަންކަން ގޭގައި އިނދެގެން ރާވައިދިނީމެވެ. އަދި ކީއްހެއްޔެވެ؟ މަސައްކަތްފަށަން ފައިށާހޯދައިދިނީވެސް އަހުރެންގެ ބައްޕަގެ އަތުންނެވެ.
2 އަހަރެއްހައި ދުވަހުގެ ތެރޭގައި މަސައްކަތާއިގެން ކުރިއަރައިދެވުމުން ފިރިމީހާއަށް އަހުރެން ކަމަކު ނުދިއައެވެ. ބޭނުންވީ ޒުވާން އަންހެން ކުއްޖެކެވެ. އޮފީހުގެ މުވައްޒިފެކެވެ. އެކަންކަން އެނގުމުންވެސް ޒުވާބެއް ނުކުރަމެވެ. ވަކިވެގެން ގެއަށް ދިއައީއެވެ.
ގެއަށް ދިއުމަށްފަހު ވިސްނީމެވެ. ފިރިމީހާއަށް އެވަރުގެ ބޮޑު ކުރިއެރުމެއް ހޯދައިދެވުނުއިރު އަހުރެންނަށް އަމިއްލައަށް މަސައްކަތެއް ފަށައިގެން ކުރިއަށް ނުދެވޭންވީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް އަހުރެން ފަށާނީ އަމިއްލަ މަސައްކަތެކެވެ.
އަނެއްކާވެސް ބައްޕަގެ އަތުން ފައިސާކޮޅެއް ހޯދައިގެން މަސައްކަތެއް ފެށީމެވެ. އެމަސައްކަތުގައި ކުރިއަރައިގެންގޮސް ކާމިޔާބު ވިޔަފާރިއަކަށްވީމެވެ. އަހުރެންގެ ކުރިއެރުން ފެނިފައި އިތުރަށް ކެޕިޓަލްދޭން ބައްޕަ ބޭނުންވިއެވެ. ނަމަވެސް ބުނީމެވެ. ބައްޕަ ކުރިން ދިން ފައިސާއާއި މިފަހަރުދިން ފައިސާ އަނބުރާ ނުދެއްކެނީސް އިތުރަކަށް ބޭނުމެއް ނޫނެވެ. ނޫނީ އެހެންދަރިންގެ ނަފްރަތުލިބޭނެއެވެ. އެއީ ކުރިއެރުން ހުއްޓޭ ކަމެކެވެ.
އަނެއްކާވެސް 2 އަހަރުފަހެވެ. އަހުރެންގެ ފިރިމީހާ އާއި ދެމީހުން އެކުގައި ގޮސް ކާރަށް އަރަނިކޮށް ކުރީގެ ފިރިމީހާއަށް ފެނިގެން ދުވެފައި އައިސް ވާހަކަދައްކަން ފެށިއެވެ. "ސަމީއެވެ! މިއީ ކާކުހެއްޔެވެ؟ ކޮއްކޮ ހެއްޔެވެ؟ އަހުރެންނާއި ވާހަކަ ދައްކައިލެވިދާނެ ހެއްޔެވެ؟"
ޖަވާބުގައި ބުނީމެވެ. "އަހުރެންގެ މޫނަށް ނުބަލައިހުރެ ވާހަކަދައްކާށެވެ! އަހުރެންގެ އަދިވެސް މިހުރީ ހަމަ އެއިރުވެސް ހުރި މޫނެވެ. މުސްކުޅިސިފަ ޖަހާތީ އިތުރަށް ދެކެން ބޭނުންނުވާކަމަށް ބުނި މޫނެވެ. މުސްކުޅި ސިފަ ޖެހިޔަސް މައްސަލައެއް ނެތްތާއެވެ. އަހުރެންގެ މޫނުން ކަޅި ނުނެގި ބަލަމުން އެގެންދަނީ ކަލެއާއި އަޅައިބަލާއިރު ޖަވާށހިރެއް ފަދަ ޒުވާނެކެވެ. ކަލެއަށްވުރެ 7 އަހަރު ހަގު ޒުވާނެކެވެ."
އެހިސާބުން އޭނާ ފެށީ އޭނާއަށް ދިމާވިކަންކަމުގެ ވާހަކައެވެ. ވިޔަފާރި ބަނގުރޫޓުވިވާހަކައެވެ. ލޯބިވެރިޔާ ފިލައިގެންދިއަ ވާހަކައެވެ. މިހާރު ވަޒީފާއެއްވެސް ނުލިބިގެން އުޅޭ ވާހަކައެވެ. އެހިސާބުން ހުއްޓުވީމެވެ. "ދެން ބުނަން އޮންނާނީ އަހުރެންނާއި އަލުން ގުޅެން ބޭނުންވާ ވާހަކަ ޏޫންހެއްޔެވެ؟ އެވާހަކަ އަޑުއަހާކަށްވެސް ބޭނުމެއް ނޫނެވެ. މިހުރީ އަހުރެންގެ ކޮއްކޮއެއް ނޫނެވެ. ފިރިމިހާއެވެ. އަހުރެން ދެކެ އިންތިހާއަށް ލީބިވާ ފިރިމީހާއެވެ. ދެން ޙާލުގައި ޖެހި ނުކައި ހުންނަން ނުހަދާށެވެ! ކަލޭ ވިއްކައިލި ގޭގެ ތިރީގައި ހަފްތާއެއްފަހުން އަހުރެންގެ ޗޭނުގެ ރެސްޓޯރަންޓެއް ހުޅުވާނެއެވެ. އަލަތު ފިރިމީހާވީމާ ހިލޭ ކާންބޯން ލިބޭނެ ގޮތް ހަމަޖައްސައިދޭނަމެވެ." އެހެން ބުނެފައި ކާރަށް އަރައިގެން ދިއައީއެވެ.
މިއީ އަޅުގަނޑު އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަނބިމީހާގެ ފަރާތުން ކަންކަން ފަހިވެ ތަނަވަސްކަން ލިބުނީމާ އަނބިމީހާގެ މޫނު ފެނުނަސް ފޫހިވާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ