އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރަނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ އަމިއްލަ ފަރުދުން ރާއްޖެއަށް ގެންނަ މުދަލުގެ ތެރެއިން ޑިއުޓީ ދައްކަން ޖެހޭ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތަށް އެ އިދާރާގެ ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ. މިކަން ހާމަކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

ދިޔާނާ ވިދާޅުވީ މިހާރު އަމިއްލަ ފަރުދުންގެ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭނެ ގޮތެއް ނޯންނާތީ، ޚިދުމަތް ދިނުމަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. ނަމަވެސް، މި ބަދަލާއެކު ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑެކްލަރޭޝަން ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމްސްގެ ޚިދުމަތްތައް ލުއިފަސޭހަވެ، ޚިދުމަތް ލިބޭނެ ވަގުތު ކުރުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކަސްޓަމްސްގެ މި ޚިދުމަތް ތަޢާރަފުކުރުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ދިޔާނާ ވިދާޅުވީ ފުރަތަމަ މަރުހަލާގައި އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނަށް މި ޚިދުމަތް ބޭނުންކުރަން ފެށޭނެ ކަމަށެވެ. ދެވަނަ މަރުހަލާގައި އަމިއްލަ ފަރުދުން އޯޑަރުކޮށްގެން ގެންނަ ޑިއުޓީ ދައްކަންޖެހޭ މުދާ ކްލިއަރ ކުރުމަށް މި ޑެކްލަރޭޝަން ބޭނުންކުރަން ފެށޭނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވިއެވެ. "މިޚިދުމަތް ތަޢާރަފު ކުރުމަށް ނިންމާފައިވަނީ 2 މަރުހަލާ އަކަށް ބަހާލައިގެން. ފުރަތަމަ މިތަޢާރަފް ކުރެވޭނީ ރާއްޖެ އަންނަ ފަތުރުވެރިންނަށް، އަމިއްލަ ފަރުދުން އޯޑަރު ކޮށްގެން ގެންނަ ތަކެތީގެ ތެރެއިން ޑިއުޓީ ދައްކަންޖެހޭ ކްލިޔަރ ކުރުމަށް 2026 ގެ ފުރަތަމަ ކުއަޓާގައި މިޑެކްލަރޭޝަން ބޭނުންކުރަން ފެށޭނެ. މިޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ކަސްޓަމްސް އިން އާންމު ކުރާނެ."

ކަސްޓަމްސްއިން ވިދާޅުވާ ގޮތުގައި މި ޚިދުމަތަކީ މޯލްޑިވްސް 2.0 ސިޔާސަތުގެ ދަށުން އެ އިދާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އަދި ލުއިފަސޭހަކޮށްދިނުމަށް ގެންނަ މުހިންމު ބަދަލެކެވެ. މި ބަދަލުގެ ސަބަބުން އާންމު ފަރުދުންނަށް ކަސްޓަމްސްގެ ޚިދުމަތްތައް ލިބިގަތުން އިތުރަށް ފަސޭހަވެގެންދާނެއެވެ.

މިއަދު އޮންލައިން