62 އިންސައްތަ ދިވެހިންގެ ތާޢީދު ރައީސް އަށް އޮތް ކަމަށް ދިރާސާއަކުން ދައްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
62 އިންސައްތަ ދިވެހިންގެ ތާޢީދު ރައީސް އަށް އޮތް ކަމަށް ދިރާސާއަކުން ދައްކައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތްތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނުގެ މަސައްކަތްޕުޅަށް 62 އިންސައްތަ ދިވެހިންގެ ތާޢީދު އޮތް ކަމަށް ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީ (ބާނި) އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގެ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް ތާޢީދު ނުކުރާ ކަމަށް ބުނެފައިވަނީ އެންމެ 38 އިންސައްތަ މީހުންނެވެ.

ބައިނަލްއަޤްވާމީ ޕޯލިންގް މިންގަނޑުތަކާ އެއްގޮތަށް ހެދި މި ދިރާސާއަށް މައުލޫމާތު ހޯދާފައިވަނީ މިދިޔަ ނޮވެންބަރ މަހުގެ 23 އިން މިމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފޯނު މެދުވެރިކޮށެވެ. ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީން ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅާ ގުޅޭގޮތުން ޖުމްލަ 391 ފަރާތަކާ ސުވާލުކޮށް، އާންމުންގެ ޚިޔާލު ވަނީ ހޯދާފައެވެ.

މި ދިރާސާއިން ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ބޮޑަށް ތާޢީދު ކުރަނީ އަންހެނުންނެވެ. އަންހެނުންގެ 64 އިންސައްތަ މީހުން އެމަނިކުފާނަށް ތާޢީދުކުރާއިރު ފިރިހެނުންގެ ތެރެއިން ތާޢީދު ކުރަނީ 60 އިންސައްތަ މީހުންނެވެ. ހިތްހަމަނުޖެހޭ ފަރާތްތަކުގެ ނިސްބަތަށް ބަލާއިރު، ފިރިހެނުންގެ 40 އިންސައްތަ މީހުން ހިތްހަމަނުޖެހޭކަން ހިއްސާކުރިއިރު، އަންހެނުންގެ ތެރެއިން ހިތްހަމަނުޖެހޭކަމަށް ބުނެފައިވަނީ 36 އިންސައްތަ މީހުންނެވެ. އުމުރުފުރާއަށް ބަލާއިރު، އުމުރުން 35 އަހަރުން މަތީގެ މީހުންގެ ތެރެއިން 66 އިންސައްތައަށް ވުރެ މަތީގެ ތާޢީދެއް ރައީސަށް ލިބިފައިވާކަން ނަތީޖާއިން ފާހަގަވެއެވެ.

އާބާދީގެ ބޮޑު ކުޑަ މިނަށް ބަލާއިރު، ކުދި އާބާދީތައް ނުވަތަ ރޫރަލް ސަރަހައްދުތަކުގައި ރައީސަށް ތާޢީދުކުރާ ނިސްބަތް ބޮޑު ސަރަހައްދުތަކަށް ވުރެ މަތިކަން ފާހަގަކުރެވެއެވެ. ކުދި އާބާދީތަކުގެ 64 އިންސައްތަ މީހުން ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފައިވާއިރު، އާރބަން ސަރަހައްދުތަކުން އެމަނިކުފާނުގެ މަސައްކަތްޕުޅަށް ތާޢީދު ކުރާ ކަމަށް ބުނެފައިވަނީ 58 އިންސައްތަ މީހުންނެވެ.

މި ދިރާސާގެ ނަތީޖާއިން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމަނިކުފާނުގެ މަސައްކަތްތަކަށް އާންމުންގެ ތެރޭގައި ވަރަށް ބޮޑު ތާޢީދެއް އޮތް ކަމެވެ. ޚާއްޞަކޮށް އަންހެނުންނާއި، އުމުރުން ދޮށީ ފަރާތްތަކުގެ އިތުރުން ރަށްފުށުގެ އާބާދީތަކުގެ ތެރޭގައި އެމަނިކުފާނުގެ މަސައްކަތްތަކަށް ވަރަށް ބޮޑު އިތުބާރެއް އޮތްކަން މި ނަތީޖާތަކުން ހާމަވެއެވެ.

މިއަދު އޮންލައިން