ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވަނީ

ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން، އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ނިންމާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް ވިދާޅުވެއްޖެއެވެ. މިކަމުގެ ސަބަބުން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން ކުރިމަތިވާ ދަތިތައް ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ (ރޓ) އަހުމަދު ފަސީޙް ވިދާޅުވީ، އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ޕާސްޕޯޓު އައުކުރުމުގެ ކަންކަން ފަސޭހަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ފަސީޙް އިތުރަށް ވިދާޅުވީ، އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ޕާސްޕޯޓު އައުކުރުމުގެ މަސައްކަތް ފެށުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އަހުމަދު ފަސީޙް ވިދާޅުވީ، ޕާސްޕޯޓާ ގުޅޭ ގިނަ މައްސަލަތައް ދިމާވަނީ ފަރުދީ ޒިންމާ ނުއުފުލާތީ ކަމަށެވެ. އަދި ޕާސްޕޯޓުގެ މުއްދަތު މިހާރު އޮންނަ 5 އަހަރުގެ މައްސަލައަށްވެސް ޖަނަވަރީ މަހުގައި ހައްލެއް ގެނެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާސްޕޯޓުގެ ގިނަ މައްސަލަ ދިމާވަނީ ފަރުދީ ޒިންމާ ނުއުފުލާތީ. ޕާސްޕޯޓުގެ މުއްދަތު އޮންނަނީ 5 އަހަރަށް. އެކަމަށްވެސް ޖަނަވަރީމަހުގައި ހައްލެއް މި ގެންނަނީ. ޖަނަވަރީއިން ފެށިގެން ކޮންމެ މީހެއް ފޯނަށް ނޮޓިފިކޭޝަނެއްދާނެ މުއްދަދަތު ހަމަވަނީ އޭ. 6 މަސްދުވަހޭ ބާކީ އޮތީ. އަވަހަށް ޕާސްޕޯޓު ހައްދަވާށޭ." ފަސީޙް ވިދާޅުވިއެވެ.

މި އުސޫލު ތަންފީޒުކުރަން ފެށުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ކަންކަން ރާވާލުމުގައި ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އެކަންކަން ހަމަޖެއްސުމަށް ފަސޭހަވެގެންދާނެކަމަށް އިމިގްރޭޝަނުން އުއްމީދުކުރެއެވެ.

މިއަދު އޮންލައިން